ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާދަމާއިން ފެށިގެން ހުޅުމާލޭގައި މުނިސިޕަލްގެ ހިދުމަތް ފޯރުކޮށްދޭނީ ސިޓީ ކައުންސިލުން ކަމަށެވެ.
"މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި އަޅުގަނޑުމެން ވަނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ނިންމާފައި،" ރައީސް ވިދާޅުވިއެވެ.
ހުޅުމާލޭގައި މުނިސިޕަލްޓީގެ ހިދުމަތްތައް ފޯރުކޮށްދެމުން އައިސްފައި ވަނީ އާބަންކޯންނެވެ. ރައީސް ވިދާޅުވީ މުނިސިޕަލްޓީގެ ހިދުމަތްތައް ދެމުން ގެންދިޔަ މުވައްޒަފުންނާއި މެޝިނަރީސްތައް، އެއް މަސް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރާނެ ކަމަށެވެ.
"މުވައްޒަފުންނަށް ކުރިން ވެސް ލިބުނު މުސާރަ ލިބެމުންދާނެ އެއް އަހަރު ވަންދެން،" ރައީސް ވިދާޅުވިއެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ހުޅުމާލޭގެ، މުނިސިޕަލްޓީ ހިދުމަތްތައް، ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
ކައުންސިލްގެ އިންތިހާބުގައި ވެސް ރައީސް މުއިއްޒު ވަނީ އެ ވައުދުފުޅުވެވަޑައިގެންފައެވެ. މޭޔަރުގެ މަގާމުގައި ހުންނެވި އިރު ރައީސް ވަނީ، އެ ވައުދު ފުއްދުމަށް ވަރަށް ގިނަ މަސައްކަތްޕުޅު ކުރައްވައިފައެވެ. ހުޅުމާލޭގެ ރަޖިސްޓްރީ އާބަންކޯގެ ނަމުގައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް، އެ މައްސަލަ ވަނީ ޝަރީއަތަށް ވެސް ހުށަހަޅައިފައެވެ. ނަމަވެސް މައްސަލަ ނިމުނީ ސިޓީ ކައުންސިލާ ދެކޮޅަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު