ކުށް ކުރާ ގޭންގުތަކުން ޓްރެއިންކުރާ ކުދިން ފުލުހަށް ނަގައި އިސްލާހު ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކޮމިޝަނަ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

މަގާމަށް އައްޔަން ކުރެއްވުމުން ކުރައްވަން ނިންމާފައިވާ މަސައްކަތްތައް ހާމަ ކުރުމަށް އިސްކަންދަރު ކޮށީގައި ދެއްވި ނިއުސް ބްރީފިން އެއްގައި ސީޕީ ވިދާޅުވީ، ކުށްކުރާ މީހުންގެ ބިރުވެރިކަން ގްރޭޓާ މާލެ އަދި ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި އެބަ އޮތް ކަމަށެވެ. މިކަމަށް ފުލުހުން އަބަދު މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ މަސައްކަތުގެ ނަތީޖާ އެންމެ ރަނގަޅު ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ލިބޭ މައުލޫމާތުތަކުން އެނގޭ ގްރޫޕުތަކުން ރެކްރޫޓު ކުރުމާއި ހާއްސަކޮށް 18 އަހަރުން ދަށުގެ ކުދިން މިކަމަށް ވައްދާކަން. ވީމާ މިފަހަރު އަޅުގަނޑުމެން މިފަދަ ގްރޫޕުތަކަށް އަމާޒުކޮށްގެން ކަންކަން އިންފޯސް ކުރުމުގެ އިތުރުން މިކަމުގައި އުޅޭ ކުޑަކުދިން ޑިޕާޓްމަންޓް އޮފް ޖެނެރަލް ޖަސްޓިސްއާ ގުޅިގެން އެ ކުދިންނަގައި އެ ޑިޕާޓްމެންޓްގެ ބެލުމުގެ ދަށުން އެފަދަ ކުދިން ރީހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފެއްޓުމަށް ދަނީ މަޝްވަރާކުރަމުން،"

އޭގެ އިތުރުން ސީޕީ ވިދާޅުވީ، ގްރޫޕުތައް ހިންގާ ބޮޑުންނާ ހަމައަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ މަސައްކައްތައް މިދައުރުގައި ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ. އަދި އެކަންތައްތައް ކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.