ސޯޝަލް ހައުސިންތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާތައް އާބަންކޯއިން މާފުކޮށްދީފިއެވެ.

އާބަންކޯން މިއަދު ނެރުނު ނޫސްބަޔާނެއްގައި ޖޫރިމަނާ މާފުކުރުމަށްފަހު ފުލެޓަށް ބާކީ ނުދެއްކި ހުރި ފައިސާ ބަހާލައިގެން ދެއްކޭނެ ނިޒާމެއް ހަމަޖެހިފައިވާ ކަމަށް އާބަންކޯން ބުންޏެވެ. އަދި އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެއްބަސްވުން ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އާބަންކޯން ބުންޏެވެ.

އެހެންކަމުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެއްބަސްވުން ބަދަލުކުރުމަށް ނުވަތަ ދައްކަންޖެހި ނުދެއްކިވާ ފައިސާ ބަހާލައިގެން ދެއްކުމަށް ބޭނުންވާ ފަރާތްތަކުން މިއަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް [email protected]، [email protected] މެއިލްކުރަންވާނެ ކަމަށެވެ.

"ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން 31 ޑިސެމްބަރު 2023 ވަނަ ދުވަހާ ހަމައަށް އަރާފައިވާ ޖޫރިމަނާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ14ގެ މަގު ޗާޓުގެ ދަށުން މައާފުކޮށްދޭން މިކޯޕަރޭޝަނުން ނިންމައިފީމެވެ،" އާބަންކޯން ބުންޏެވެ.

ސޯޝަލް ހައުސިންތަކަށް ފައިސާ ދިނުން ލަސްވެގެން ނަގާ ޖޫރިމަނާއަކީ ކޮންމެ މަހަކު ދައްކަންޖެހޭ އަދަދުގެ އެއް ޕަސަންޓު ކަމަށް ކަނޑައަޅާފައިވާ ކަމަށް ވެސް އާބަންކޯން ބުންޏެވެ. އެ ބަދަލާއެކު ދުވަހުން ދުވަހަށް ޖޫރިމަނާ އިތުރުނުވެ، ޖޫރިމަނާއަށް ނަގާ އަދަދު ދުރާލާ ދެ ފަރާތަށް އެނގިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ޖޫރިމަނާއަށް ކުރިން އަހަރަކަށް 18 ޕަސަންޓު ދައްކަންޖެހޭ އިރު، މި ބަދަލާއެކު މަހަކު ނަގާ އެއް ޕަސަންޓު ސަދަގާތް ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް އާބަންކޯން ބުންޏެވެ.