ޓްރެފިކް މައްސަލަތަކަކީ ހަމައެނި ފުލުހުން މަސައްކަތްކޮށްގެން ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށް ކޮމިޝަނަ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

މަގާމަށް އައްޔަން ކުރެވުމުން ކުރައްވަން ނިންމާފައިވާ މަސައްކަތްތައް ހާމަ ކުރުމަށް އިސްކަންދަރު ކޮށީގައި ދެއްވި ނިއުސް ބްރީފިން އެއްގައި ސީޕީ ވިދާޅުވީ، ޓްރެފިކް މައްސަލަތަކަކީ މާލެ އާއި ހުޅުމާލެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. އެ ކަމަކީ މިހާރުން މިހާރަށްވެސް ވަށާޖެހޭ ހައްލެއް ބޭނުންވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަށް އެހެން ފަރާތްތަކުންވެސް މަސައްކަތް ކުރަންޖެހޭކަން ފާހަގަ ކުރައްވައި ސީޕީ ވިދާޅުވީ، އެކަން ހައްލު ކުރުމަށް ބޮޑެތި ސިޓީތަކުގައި ގެންގުޅެވޭނެ އުޅަނދުތަކުގެ އަދަދެއް ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި ގެންގުޅެވޭނެ އުޅަނދު ތަކުގެ އުމުރެއް ކަނޑައަޅަން ޖެހޭ ކަމަށާއި އެންމެ ގިނައިން މީހަކަށް ރަޖިސްޓްރީ ކުރެވޭނެ އުޅަނދުގެ އަދަދެއް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ޕާކިން ޒޯނުތައް އިތުރުކުރަން ޖެހޭ ކަމަށާއި އެކަންކަން ހައްލު ކޮށްގެން ނޫން ގޮތަކަށް ޓްރެފިކް މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޓްރެފިކް މައްސަލަތައް ހައްލު ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ފުޅެކެވެ.