މި އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް 84.7 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ރިޔާސީ އިންތިހާބުގެ ރިޕޯޓް އީސީން އިއްޔެ އާންމުކޮށްފައިވާއިރު، އެ ރިޕޯޓުގައިވާ ގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް އެކަނިވެސް 63.1 މިލިއަން ރުފިޔާ ހަރަދުވިއެވެ. އެއީ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ނިސްބަތުން ބޮލަކަށް 223 ރުފިޔާއެވެ.
ފުރަތަމަ ބުރުގައި ރިކަރަންޓް ހަރަދަށް 51 މިލިއަން އަދި ކެޕިޓަލް ހަރަދަށް 12 މިލިއަން ރުފިޔާ ހަރަދުވިއެވެ.
ދެވަނަ ބުރަށް ހަރަދުވި ކަމަށް ރިޕޯޓްގައި ބުނެފައިވަނީ 21.6 މިލިއަން ރުފިފާއެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ނިސްބަތުން، ބޮލަކަށް 76.42 ރުފިޔާއެވެ. ދެވަނަ ބުރުގައި ރިކަރަންޓް ހަރަދަށް 21.5 މިލިއަން އަދި ކެޕިޓަލް ހަރަދަށް 61،408 ރުފިޔާ ހަރަދުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓުން ދައްކާ ގޮތުގައި އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަ ބުރުގައި ކުރަން ޖެހުނު ހަރަދު ކުޑައެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައިވަނީ ފުރަތަމަ ބުރުގައި ހަރަދުކުރަން ޖެހުނު ކަންތައްތަކުގެ ތެރެއިން 25 ކަމަކަށް ދެވަނަ ބުރުގައި ހަރަދުކުރަން ނުޖެހުމުންނެވެ.
އެގޮތުން މުވައްޒަފުންނަށް އެކަނިވެސް ފުރަތަމަ ބުރުގައި 12.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ދެވަނަ ބުރުގައި އެ ހަރަދުކޮށްފައެއް ނުވެއެވެ. އަދި ދެވަނަ ބުރުގައި އިތުރު ގަޑީގެ ފައިސާ ހިމެނޭ ގޮތުން ބައެއް އެލަވަންސްތައް ދޭން ނުޖެހުމާއި އެހެން ބައެއް ހަރަދުތައްވެސް ކުރަން ނުޖެހުނެވެ.
މިދިޔަ ރިޔާސީ އިންތިހާބަށް ރިވައިސް ބަޖެޓެއްގެ ގޮތުގައި އީސީއަށް 96.4 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު