ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މާދަމާއަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް ތާވަލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިރޭ ބުނީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 11:00 އަށް ކަމަށެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން ތާވަލުކޮށްފައިވަނީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ މެމްބަރުން، އެ ޕާޓީން ވަކިވެ، ރޭ، ވެރިކަން ކުރާ ޕީއެންސީއަށް ގުޅިވަޑައިގެންފައި ވަނިކޮށެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާއަށް ފަހު، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފައެވެ. މަޖިލިސް ޗުއްޓީއަށް ދިޔަ ނަމަވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ރިޕޯޓު ފޮނުވައި، މެންބަރުން އެދިވަޑައިގެންފިނަމަ ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެދުވަހު ވިދާޅުވެފައެވެ.

މަޖިލިސް ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެއީ ކުރިއަށް އޮތް އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބަޖެޓް ފާސްކުރުމަށްފަހު ހިނގާ އަހަރުގެ ތިންވަނަ ދައުރުގެ ޗުއްޓީއަށްދާ ގޮތަށެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ ޖަލްސާއަކީ ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ތިންވަނަ ދައުރު ތިންވަނަ ފަހަރަށް އިތުރު ކޮށްގެން ބޭއްވި ޖަލްސާއެކެވެ.

މަޖިލީހުން ބަޖެޓް ފާސް ކުރުމަށާއި ވަޒީރުންނަށް ރުހުންދިނުމަށް މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އިތުރު ކުރަން ފުރަތަމަ ފާސްކުރީ، މިމަހުގެ ހަތްވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް އެދުވަހު ބަޖެޓް ފާސް ކުރުމަށްފަހު ވަޒީރުންނަށް ރުހުން ދިނުމަށް މިމަހުގެ 18 ވަނަ ދުވަހު މަޖިލިސް ޖަލްސާއެއް ބާއްވަން ނިންމިއެވެ.

ނަމަވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓު ގޯސްކޮށް އޮތުމުން އެ މައްސަލަ ރަނގަޅު ކުރަން އެ ރިޕޯޓު އަލުން ކޮމިޓީއަށް ފޮނުވުމަށްފަހު، ވަޒީރުންނަށް ރުހުންދޭން ބުރާސްފަތި ދުވަހުގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެދުވަހުގެ ޖަލްސާއިން ފާސްކުރިއެވެ.

ނަމަވެސް މަޖިލިސް ޗުއްޓީއަށް ދިޔުމާ ހަމައަށް އައި އިރުވެސް، ކޮމިޓީގެ ކޯރަމް ހަމަނުވެގެން އެ މައްސަލަ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވާފައެއް ނުވެއެވެ.

ކޮމިޓީގެ މުގައްރިރު ވިދާޅުވެފައިވަނީ ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ދެން މަޖިލީހުގެ ކޮމިޓީން ނިންމޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.