ޖަލު ހުކުމެއްގައި ހުންނެވި ޕީޕީއެމްގެ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ސިޔާސީ ބޭފުޅުންނާ ބައްދަލުކުރެއްވުން ކަރެކްޝަނަލް ސާވިސްއިން މަނާކޮށްފައިވާތީ، އެ މަނިކުފާނާ ބައްދަލު ކުރައްވަން ޑރ. މުހަންމަދު މުއިއްޒު ބޭނުންފުޅު ނުވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހަންމަދު ޝަހީބު ވިދާޅުވީ ރައީސް ޔާމީން މިވަގުތު ހުންނެވީ ޝަރުއީ ހުކުމެއްގައިކަމުން އެ މަނިކުފާނާ ސިޔާސީ ބޭފުޅުން ބަދަލު ނުކުރެއްވޭނެ ކަމަށާއި ސިޔާސީ އެއްވެސް ހަރަކާތެއްގައި އެ މަނިކުފާނަށް ބައިވެރިވެވަޑައި ނުގެންނެވޭނެ ކަމަށް ޝަރުތުކޮށްފައިވާ ކަމަށް ކަރެކްޝަނުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެހެންކަމުން ޔާމީނަށް އިތުރު ލުއި ލިބިވަޑައިނުގަންނަވާ ހިނދަކު، އެ މަނިކުފާނާ ރައީސް މުއިއްޒު ބައްދަލުނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި ނުވަތަ މަޝްވަރާ ކުރައްވައި ނުވަތަ ފޯނުންވެސް އެކަހަލަ ކަމެއް ކުރެއްވުމަކީ ގާނޫނީ ގޮތުން ރަނގަޅު ކަމެއްގެ ގޮތުގައި [ރައީސް މުއިއްޒު] ދެކެވަޑައެއް ނުގަންނަވާ،" ޝަހީބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމިނަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށާއި އެންމެ ފުރަތަމަ ދުވަހު ވެރިކަމަށް ވަޑައިގެން އެ މަނިކުފާނު ގެއަށް ބަދަލުކުރައްވާނެ ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒު ވިދާޅުވެފައިވާނެ ކަމަށެވެ. އެގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި ދުވަހުގެ ރޭ ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ސޯލިހުގެ އަރިހުން ރައީސް މުއިއްޒު އެދިވަޑައިގެންނެވި ކަމަށާއި އެކަން މިއަދު ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ރައީސް މުއިއްޒު، ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހު 17 ނޮވެމްބަރު، އެ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ވަރަށް ސަރީހަ އިބާރާތުން ވިދާޅުވީ ސަރުކާރުން ޖުޑީޝަރީއަށް އަތް ބޭނުން މި ވަގުތުން މި ވަގުތަށް ނިމުނިއްޔޭ، ސަރުކާރުން ޖުޑީޝަރީ ތެރެއަށް އަތެއް ނުބާނަމޭ. ކޯޓުތަކުގެ ތެރެއަށް އަތެއް ނުބާނާނަމޭ، ކޯޓުތަކުގެ މައްސަލަތަކަށް ނުފޫޒެއް ނުފޯރުވާނަމޭ. އެހެންވީމާ އެ ދުވަހުން އެ ވަގުތުން ފެށިގެން ސަރުކާރުގެ ފަރާތުން ކޯޓުތަކަށް އަތް ބޭނުން ނުވަތަ ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމުގެ މަރުހަލާ އެ އޮތީ ނިމިފައި. އެހެންވީމާ ރައީސް ޔާމީންއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އެ އޮތީ ފުދިފައި،" ޝަހީބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމުގެ ބާރު އޮތީ ޖުޑީޝަރީގެ އަތްމަތީގައި ކަމަށާއި ސަރުކާރުން ޖުޑީޝިއަރީއަށް އަތް ނުބާނާނެ ކަމަށެވެ. އަދި ނޮވެމްބަރު 17 ވަނަ ދުވަހު އެ ވައުދު ފުއްދަވާފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު