ސަރުކާރަށް ފާޑުކިޔާފައިވާ ލިޔުންތައް ޝާއިއުކުރާ ދެ ވެބްސައިޓް އަންބުލޮކް ކޮށް އެ ދެ ވެބްސައިޓަށް ވަދެވޭ ގޮތް ސަރުކާރުން ހަދައިފިއެވެ.

ސަރުކާރުން ބްލޮކް ކޮށްފައި ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. އެ ދެ ވެބްސައިޓް އަންބުލޮކް ކޮށްފައި މިވަނީ ބްލޮކްކޮށްފައި އޮންނަތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

އެ ދެ ސައިޓް ބްލޮކް ކުރުމުން އާންމުންނާއި ނޫސްވެރިންގެ ޖަމިއްޔާތަކާއި މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ނޫސްވެރިންގެ ފަރާތުންވެސް ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ މިހާރު އެއްވެސް ވެބްސައިޓެއް ބްލޮކް ކޮށްފައި ނުވާނެ ކަމަށާއި ހުރިހާ ސައިޓެއްވެސް އަންބްލޮކް ކޮށްފައިވާ ކަމަށެވެ.

"ވެބްސައިޓުތައް ބަންދުކުރުމަކީ ކުރީ ސަރުކާރުތަކުން ވެސް ކޮށްފައި ހުރި ކަމެއް. އާ ކަމެއް ވެގެނެއް ނޫން އެއީ. ބަންދުކޮށްފައި ވެސް އެބަ ހުރި ވެބްސައިޓުތައް. މި ސަރުކާރު ވެސް އައިސް ނިޒާމުގެ ތެރެއިން ގާއުމީ ސަލާމަތާ އާންމުންގެ ސަލާމަތާ ރައްކާތެރިކަމަށް ކުރަމުންދާ ކަންތައްތަކެއް ގަވާއިދުން ކުރާނެ," ޝަހީބް ވިދާޅުވިއެވެ.

ޝަހީބު މިއަދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ނުވަތަ ރައީސް އޮފީސް އަންގައިގެން އެއްވެސް ވެބްސައިޓެއް ބްލޮކް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުން ކަމަށެވެ.

"އެއްވެސް ރެޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ވެބްސައިޓެއް ސަރުކާރުން ބަންދުކޮށްފައި ނުވާނެ. ސަރުކާރަށް ފާޑުކިޔާތީއޭ ވެބްސައިޓުތައް ބަންދުކުރަނީ. ސަރުކާރަށް ފާޑުކިޔަނީ އެ ދެ ވެބްސައިޓުން އެކަނިތޯ. ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ މީޑިއާތަކަށް އެބައޮތެއް ނޫންތޯ މިނިވަންކަން. ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި," ޝަހީބް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ވަނީ ސަރުކާރަށް ފާޑު ކިޔާ ދެ ވެބްސައިޓް، ކުރުސީ.ކޮމް އަދި ދިޔަވަރު.ކޮމް އިތުރުން ފުރަތަމަ.ކޮމްގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ވެބްސައިޓެއް ވެސް ބްލޮކް ކުރިއެވެ. ނަމަވެސް އެ ވެބްސައިޓްވެސް ފަހުން ވަނީ އަންބްކޮލް ކޮށްފައެވެ.