ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެށި އެއްމެ ބޮޑު މަޝްރޫއު ކަމަށްވާ، ފުށިދިއްގަރު ނުވަތަ ރަސްމާލޭގެ މަޝްރޫއަކީ އުސޫލުގެ ބޭރުން ހަމަތަކާ ހިލާފަށް ކުރިއަށްގެންދާ މަޝްރޫއެއްކަމަށްބުނެ އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ސަލީމް ވިދާޅުވީ، ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ އެ މަޝްއޫރު ރޭވިފައިވާ ގޮތާއި ތަރައްގީ ކުރާ ގޮތާއި މަޝްރޫއަށް ކަނޑައަޅާފައިވާ ބިން ހިއްކަން ބަޔަކު ހޯދިގޮތް ނޭނގި އަދި އެ އިޖުރާއަތް ގެންދިޔަ ގޮތުގެ ހާމަކަމެއްނެތި ކަމަށެވެ.

އެ މަޝްރޫއުގެ މާސްޓަ ޕްލޭނެއް އެކުލަވާލުމުގެ ކުރިން އަދި މަޝްރޫއަށް ހިންގާނެ ޖުމްލަ ހަރަދުވެސް ސަރުކާރުން ހާމަ ނުކުރާ އިރު، މަޝްރޫއު ކުއްލި ގޮތަކަށް ބަޔަކާ ހަވާލުކޮށް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަކީ އެތަކެއް ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"1280 ހެކްޓަރުގެ އެ ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކަން ރާވާފައިވާ ކަމާއި ބިން ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި ހިއްކައި ނިންމާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ އިރު، މުޅި ފަޅުގެ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދާފައެއްނެތް. ހަމަ އެކަނި އީއައިއޭ ހަދާފައިވަނީ އެންމެ 29 ހެކްޓަރުގެ ސަރަހައްދެއްގައި، އެއީ ފަޅުގެ 2.26 ޕަސެންޓްގެ ސަރަހައްދެއް، މިއީ މިފަދަ މަޝްރޫއަކަށް، އީއައިއޭ ގެދުމުގައި އަމަލު ކުރާ އުސޫލުގެ ބޭރުން ހާއްސަ ނިޒާމެއްގެ އިންތިޒާމެއްގެ ދަށުން ކޮށްފައިވާ ކަމެއް ކަމަށް ބަލާނެ ޖާގަ އެބައޮތް،"

މި މަޝްރޫއުގެ ބިންހިއްކުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ސްރީލަންކާގެ ކުންފުންޏަކަށް ކަމަށް ސަރުކާރުން ބުނެފައިވާ އިރު އެ މަސައްކަތުގެ އަގެއްގެ ގޮތުގައި ހުޅުމާލޭގެ ބިމުން 10 ހެކްޓަރާއި ފުށި ދިއްގަރުފަޅުން 60 ހެކްޓަރުގެ ބިމް އެކުންފުންޏަށް ދޫކޮށްލަން ނިންމާފައިވާ އިރު، އެ ބިން އަގުކުރި ގޮތް ނޭނގޭ ކަމަށާއި ބޭރު ބަޔަކަށް ރާއްޖޭގެ ބިމުން ބައެއް ދޭން ނިންމި ނިންމުމަކީ ދިވެހި ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަން އެނގެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލީހުން ފާސްކޮށް ފުށި ދިއްގަރު ފަޅު ހިއްކުމުގެ މަޝަރޫއުގެ ފައިސާ، ބަޖެޓުން އުނި ކުރުމުންވެސް، އެކަމަށް އެއްވެސް ބެލުމެއްނެތި، މަޖިލީހުގެ ނިންމުމަށް ގޮންޖަހައި، ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ ގާނޫނު އަސާސީގައި ދައުލަތުގެ ބާރުތައް ތަރުތީބު ކޮށްފައިވާގޮތާއި އެއްބާރު އަނެއްބާރު ޖަވާބުދާރީ ކުރުވައި، ޒިންމާދާރު ކުރުވުމުގެ ހަމަ، ސަރުކާރުން ނައްތައިލި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ޑިމޮކްރެޓިކް ހަމަތަކާއި ގުޑް ގަވަނަންސްގެ އުސޫލުތަކާ ހިލާފް ކަމެއްކަމަށްވެސް ވިދާޅުވިއެވެ.