ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ގާނޫނު އުވާލަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު ސަލީމެވެ. އެކަމަށްޓަކައި އޭނާ މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން މިއަދު ވަނީ އިއްވައިފައެވެ.

ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނަކީ، 25 އޯގަސްޓް 2005 ގައި އަމަލު ކުރަން ފެށި ގާނޫނެކެވެ.

މި ގާނޫނު އުވާލަން ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި މަޖިލީހުގައި ވަޒީރުންނާ ސުވާލު ކުރުމުގެ އުސޫލުތަކާއި ވަޒީރުންނާ ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމުގެ އުސޫލުތައް ބަޔާން ކުރުމުގެ ގާނޫނަކީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ ވުޖޫދަށް އައުމުގެ ކުރިން އެކުލަވާލައި އަމަލު ކުރަމުން އަންނަ ގާނޫނަކަށްވުން ވަނީ ފާހަގަ ކުރައްވައިފައެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި ވަޒީރުންނާއި ސަރުކާރު މަގާމުތަކުގައި ތިބޭ މީހުންނާ ސުވާލު ކުރުމުގައި އަމަލު ކުރާނެ އުސޫލު ބަޔާންކޮށްފައިވާ އިރު، އެ މާއްދާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެއްވެސް މަގާމެއްގައި ހުރި މީހަކު، އެމީހަކު އަދާކުރަންޖެހޭ ޒިންމާ އާއި މަސްއޫލިއްޔަތާ ގުޅޭގޮތުން އެމީހަކާ ލިއުމުން ނުވަތަ އަނގަބަހުން ސުވާލު ކުރުމުގެ ހައްގު ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ މާއްދާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދީފައިވާ ހައްގު ހަނިވާގޮތަށް ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގެ މާއްދާތައް ހިމަނާފައިވާތީ އާއި މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީ ވުޖޫދަށް އައުމަށްފަހުވެސް ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައިނުވާ އިރު، މި ހިނދަށް އެ ގާނޫނަކީ ބޭނުންހިފޭ ގާނޫނެއްނޫން ކަަމަށްވެސް ސަލީމް ވަނީ ވިދާޅުވެފައެވެ.