ސަރުކާރުގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަރީފް ހަމަޖައްސައިފިއެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަރީފު މިއަދު އައްޔަން ކުރެއްވި އިރު މިއަދާ ހަމައަށް އެ މަގާމުގައި ހުންނެވީ ކެޕްޓަން މުހައްމަދު ނާޒިމެވެ.

މި ސަރުކާރުން، ރައީސް އައްޔަން ކުރައްވާ މެންބަރެއްގެ ގޮތުގައި ޕޮލިސް ބޯޑަށް އައްޔަން ކުރައްވާފައިވާ އަދި އެ ބޯޑުގެ ޗެއާޕާސަން ކަމަށް އައްޔަން ކޮށްފައިވާ ޝަރީފަކީ ތ. ހިރިލަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ބޭފުޅެކެވެ.

އޭނާ އެންމެ ފަހުން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ސީނިއާ ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރަކަށް މިއަދު ބޭފުޅަކު އައްޔަން ކުރެއްވި އިރު، މި މަހުގެ 21 ވަނަ ދުވަހު އެ ކުންފުނީގެ ސީއޯއޯގެ މަގާމަށް ކެޕްޓަން އިބްރާހިމް ރަފީއު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކެޕްޓަން އަހުމަދު ޒުބައިރު ވަނީ ހަމަޖައްސައިފައެވެ.