ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ހިފަހައްޓާފައިވާ އޭނާގެ ޕާސްޕޯޓް ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ދެމެހެއްޓުމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފިއެވެ.
ހުޅުމާލޭގައި 3000 ފްލެޓް އިމާރާތްކުރަން ގިނަ ބައެއްގެ އަތުން އެޑްވާންސް ފައިސާ ނެގި މައްސަލައިގައި، އައްމަޓީއަށް ހިޔާނާތުގެ 42 ދައުވާއެއް ކުރެއެވެ.
ނަމަވެސް އޭނާގެ މައިބަދައިގެ ސީރިއަސް އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ލަފާދީފައިވާކަން ކަމަށް ބުނެ، ޕާސްޕޯޓް ދޫކޮށްލުމަށް ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި އޭނާ އެދުމުގެ ސަބަބުން ބޭހަށް ރާއްޖޭން ބޭރަށް ފުރުމަށް މިމަހުގެ ހަ ވަނަ ދުވަހު އޭނާގެ ޕާސްޕޯޓު ވަގުތީގޮތުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެކަމާ ގުޅިގެން ކުރިމިނަލް ކޯޓުގެ އެ އަމުރު ބާތިލް ކޮށްދިނުމަށް އެދި ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ އަމުރު ދަމަހައްޓަން ހައިކޯޓުން ނިންމީ އިއްޔެއެވެ.
މިއަދު ޕީޖީ އޮފީހުން ބުނީ އެ އަމުރު ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހަޅަން ނިންމާފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި އެ މައްސަލަ ހުށަހަޅާނެ ކަމަށެވެ.
"މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުމާމެދު މި އޮފީހުން ހިތްހަމަ ނުޖެހޭތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމައިފީމެވެ. އަދި އިސްތިއުނާފުކުރުމަށް މިއަދުގެ ވަގުތެއްގައި ހުށަހެޅޭނެއެވެ." ޕީޖީން ބުންޏެވެ.
ޕީޖީން ބުނީ އައްމަޓީގެ ޕާސްޕޯޓު ވަގުތީ ގޮތުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނިންމަވާފައި އޮތީ މި މަހުގެ 6 އިން 25 ގެ ނިޔަލަށް ކަމަށްވާ އިރު، އެ މުއްދަތު ހަމަވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ނިންމާފައިވަނިކޮށް، ޕާސްޕޯޓު އަމުރު މުރާޖާ ކުރުމުގެ އަޑުއެހުމެއް މިއަދު ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު މުރާޖާ ކުރުމުގެ އަޑުއެހުން ކުރިއަށް ނުގެންދިއުމަށް ކުރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު