ސައުދީ އަރަބިއްޔާ ސަރުކާރުން ރާއްޖެއަށް ދޭ ހުރިހާ ހައްޖު ކޯޓާއެއް، ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމަށް މެމޮރަންޑަމް އޮފް އިންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.
ކޮންމެ އަހަރަކު ލިބޭ 1000 ހައްޖު ކޯޓާ އެއްކޮށް ސީދާ ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމީ މިދިޔަ ހަފުތާގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ.
މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުއެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ހައްޖަށް ދިއުމުގެ ހަރަދު މިހާރަށްވުރެ ކުޑަކުރުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން ކުރަމުންދާކަން ފާހަގަ ކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން، ހައްޖު ކޯޓާ ހަމައެކަނި ހައްޖު ކޯޕަރޭޝަނާ ހަވާލުކުރީ ނުއަގުގައި ހައްޖު ކޯޓާ ވިއްކުމުގެ ސަބަބުން އެކަމުގެ ދަތިތަށް ރައްޔިތުންނަށް ކުރިމަތިވެފައިވާތީ އެކަން ހައްލުކުރުމަށް ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އަދި ހައްޖު ފަންޑު ތަރައްގީ ކުރުމަށް ހައްޖު ކޯޕަރޭޝަނާއެކު މަސައްކަތް ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު