ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ އަންހެނުންގެ ބައިވެރިވުން ބޮޑު އިންޑަސްޓްރީއަކަށް ހަދަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ކޮންސްޓްރަކްޝަން އެވޯޑު ދިނުމުގެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ތައުލީމު އުނގެނިގެން ތިބޭ މީހުންނަށް ބަލާ އިރު، ތައުލީމު ލިބިފައިވާ އަންހެނުން، ފިރިހެނުންނަށްވުރެ ގިނަ ކަމަށެވެ.
"އަޅުގަނޑުމެން ކީއްވެތޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އެކިއެކި ފަންނުތަކުގައި، އެކިއެކި ގިންތިތަކުގައި މަސައްކަތްކުރުމުގައި އެ މަގުފަހިކަން އަންހެން ބޭފުޅުންނަށް ނުހޯދައިދޭންވީ. ހޯދައިދޭން އެބަޖެހޭ. އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނީ މަސީއާ ގުޅިގެން، އަދިވެސް މި ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިއަށްއޮތް އަހަރުތަކަކީ ދިވެހި ކަނބަލުންނަށް މި ދާއިރާގައި މިހާރަށްވުރެ އެތައް ގުނައެއް ބޮޑަށް ބައިވެރިވުމުގެ ފުރުސަތު އޮތް ހޯދައިދިނުމަށްޓަކައި ސިޔާސަތުތައް ބައްޓަންކޮށް އެކަމަށް މަސައްކަތް ކުރާ ބަޔަކަށްވާން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަން ކުރުމުގެ ފުރިހަމަ އެއްބާރުލުން، ކޮންސްޓްރަކްޝަން އިންޑަސްޓްރީން ސަރުކާރަށް ދިނުމަށް އެދޭ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ބައެއް މީހުންގެ ތެރޭގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ޝައުގުވެރިކަން ހުންނަ މީހުން އެބަތިބި ކަމަށެވެ. އެފަދަ ޝައުގުވެރިކަން ހުރި މީހުންނާ ހަމައަށް ދާއިރާގެ މީހުން ދާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ހުރިހާ މީހުންގެ ބައިވެރިވުން ހިމެނޭ ދާއިރާއަކަށް ހެދުމަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އަންހެނުންނަށް ފުރުސަތު ދިނުން މުހިންމު ކަމަށާއި އެކަން އެގޮތަށް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު