ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޑޮމިނޭޓްކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ކޮންސްޓްރަކްޝަން އެވޯޑު ދިނުމުގެ ހަފުލާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް ދިފާއުކުރާ ވާހަކަދައްކަނީ އޭގެ ހަގީގީ މާނައިގައި ކަމަށެވެ. އެއީ ރާއްޖޭގެ ހުރިހާ ދާއިރާއެއް ދިވެހިންގެ އަތްމައްޗަށް ގެނައުން ވެސް ހިމަނައިގެން ދައްކަވާ ވާހަކަފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު މި ފެންނަ ސަރުކާރުގެ މަޝްރޫއުތައް ކާމިޔާބުކުރުމުގައި ބޭރުގެ ކުންފުނިތަކުން ޑޮމިނޭޓްކުރާ ކުރުން ނިމުމަކަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ. ގަވާއިދުތަކާއި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލެއް ވިއްޔާ އެކަން ތިޔަބޭފުޅުންނާ މަޝްވަރާކޮށްގެން ގެންނާނަން. އެވޯޑުކުރުމުގައާއި ޕޮއިންޓް ދިނުމުގައި ގެންނަންޖެހޭ ބަދަލެއް ވިއްޔާ އެކަންވެސް ކުރާނަން. ދިވެހި މަސައްކަތްތެރިންނަށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް އެބަޖެހޭ މި ފަހިކަން ދޭން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ދުވަސްވީ އާސަރުތަކާއި ބިނާތައް ވަރަށް ގިނަ ކަމަށާއި އެފަދަ ތަންތަން ރައްކާތެރިކޮށް ކުރިއަށް ހުރި ޖީލުތަކާ ހަމައަށް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ފަންނުވެރިކަމުގައި ކޮންސްޓްރަކްޝަން ދާއިރާއިން މުހިންމު ދައުރެއް އަދާކޮށްދެވިދާނެ ކަމަށެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލިސް ބައްދަލުވުމުގައި ވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ގުޅުންހުރި ނިންމުމެއް ފާސްކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ގުޅޭ ތިން ދާއިރާއެއްގައި ކުރިއަށްއޮތް ދެ އަހަރުފަހުން މުޅިން ދިވެހިން މަސައްކަތްކުރާ ގޮތަށް ކަނޑައެޅުން ކަމަށެވެ.
އެ ތިން ދާއިރާއަކީ ބިލްޑިން އިންސްޕެކްޓާސް، ސައިޓް ސުޕަވައިޒާ އަދި ސާވޭޔަރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު