ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ފުރަތަމަ ޕްރޮޕޯސަލް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ކޮންސްޓްރަކްޝަން އެވޯޑު ދިނުމުގެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެސްއީޒެޑަށް ލިބިފައިވަނީ އިއާދަކުރަނަވި ހަކަތާއާ ގުޅޭ ޕްރޮޕޯސަލެއް ކަމަށެވެ.

"އަޅުގަނޑުމެން ވާނީ އެސްއީޒެޑް ގާނޫނުގެ ދަށުން އެސްއީޒެޑް އިންވެސްޓްމަންޓުތަކަށް ފުރުސަތު ހުޅުވާލާފައި. އޭގެ ތެރެއިން ވެސް މިހާރު އުފަލާއެކު ދަންނަވަން ފުރަތަމަ ޕްރޮޕޯސަލް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެއީ ވެސް ރިނިއުބަލް އެނާޖީގެ ދާއިރާއިން 110 މެގަވޮޓު ހާސިލުވެގެންދާނެ އެސްއީޒެޑް ޕްރޮޕޯސަލެއް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެ ޕްރޮޕޯސަލްގެ ދަށުން ފަށާ މަޝްރޫއު ވެގެންދާނީ ކޮޕް28 އަށް ފަހު އިއާދަކުރަނިވި ހަކަތައަށް އަމާޒުކޮށް ގައުމަކުން ފަށާނެ ފުރަތަމަ މަޝްރޫއުއަށް ކަމަށެވެ.

ރައީސް ވިދާޅުވީ ކޮންސްޓްރަކްޝަން ކުންފުނިތަކުން ވެސް އެސްއީޒެޑަށް މަޝްރޫއުތައް ގެނައުމުގެ މަސައްކަތްކުރުން މުހިންމު ކަމަށެވެ. އެކަމަށް ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑު އެދެނީ ވަރުގަދަ މަސައްކަތްތަކެއް ކުރަން. ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ މެޓީރިއަލްތައް ބަލްކުކޮށް ގެނެސް، ރާއްޖޭގައި އެސްއީޒެޑް ސްޓޭޓަސް އަޅުގަނޑުމެން ދޭން މިތިބީ ތައްޔާރަށް،" ރައީސް ވިދާޅުވިއެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ކުރެވިދާނެ ވިޔަފާރިއެއްގެ ހިޔާލު ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބަލްކުކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ ތަކެތި އިމްޕޯޓުކުރުމަށްފަހު، ރީ އެކްސްޕޯޓު ކުރުމުގެ ވިޔަފާރިއެއް ކުރެވިދާނެ ކަމަށެވެ.

އެސްއީޒެޑުގައި މަޝްރޫއުތައް ހިންގޭނެ އެންމެ ކުޑަ އަގަކީ 100 މިލިއަން ޑޮލަރު ކަމަށް ރައީސް ވަނީ މިމަހުގެ 17 ވަނަ ދުވަހު ކަނޑައަޅުއްވައިފައެވެ. އެސްއީޒެޑުގައި މަޝްރޫއުތައް ހިންގޭ ގޮތަށް ގާނޫނު ހަދާފައިވަނީ 2014 ވަނަ އަހަރުގައެވެ.