ޔޫތު އެމްޕަވާމެންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން، ސާމާނުތަކެއް ގެއްލުނު މައްސަލައިގައި އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޔޫތު މިނިސްޓްރީ ބަދަލުކުރީ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ ނަމަށެވެ. އަދި ކުޅިވަރަށް ހާއްސަކޮށް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ނަމުގައި ވަކި މިނިސްޓްރީއެއް އުފެއްދެވިއެވެ. އެއީ ކުރިން އެއްކޮށް ހިންގަމުން އައި ޔޫތު އެންޑް ސްޕޯޓްސް، ކޮމިއުނިޓީ އެމްޕަވާމަންޓްގެ ބަދަލުގައި އުފެއްދެވި ދެ މިނިސްޓްރީއެވެ. ދެ މިނިސްޓްރީ ބައިކޮށް، ސާމާނު ބަދަލުކުރުމުގެ ތެރޭގައި ބައެއް ތަކެތި ވަނީ ގެއްލިފައެވެ.

ޔޫތު މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސްޕޯޓްސް މިނިސްޓްރީގެ ދަށުގައި ހުރި، ޔޫތު މިނިސްޓްރީގެ ދަށަށް އަންނަންޖެހޭ މުވައްޒަފުންނާއި ތަކެތި ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ޒިންމާދާރު ވެރިޔާގެ ބެލުމުގެ ދަށުން، ސްޕޯޓްސް މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ. އެކަމުގެ އެއްވެސް މަރުހަލާއެއްގައި ޔޫތު މިނިސްޓްރީގެ ސިޔާސީ އެއްވެސް މުވައްޒަފަކު ބައިވެރިވެފައިނުވާނެ ކަމަށެވެ.

"ނަމަވެސް މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ބައެއް ތަކެތި، ދެ ވުޒާރާ ބަދަލުވުމުގައި ގެއްލިފައިވާ ކަމަށް މި ވުޒާރާގެ ސަމާލުކަމަށް އައި ހިސާބުން މިކަން ހިނގިގޮތް ބެލުމަށް އިންޓާނަލް އިންވެސްޓިގޭޝަނެއް މިހާރު ވަނީ ފަށާފައި،" ޔޫތު މިނިސްޓްރީން ބުންޏެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ގެއްލުނު ސާމާނުތަކުގެ ތެރޭގައި ހަ މޮނިޓަރާއި ދެ ސީޕީޔޫ އަދި 65 އިންޗީގެ ޓީވީއެއްވެސް ހިމެނެއެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރެވެމުންދާ ކަމަށްވެސް އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.