ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓާ ޖެނަރަލްގެ މަގާމަށް މޭޖާ ޖެނަރަލް ރިޓަޔާޑް ވައިސް ވަހީދު ހަމަޖައްސައިފިއެވެ.

އެމަގާމަށް ވައިސް ވަހީދު ހަމަޖައްސަވާފައި މިވަނީ މީގެ ކުރިން އެ މަގާމުގައި ހުންނެވި، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޒަކަރިއްޔާ މަންސޫރު އެ މަގާމުން ދުރު ކުރުމަށްފަހުގައެވެ.

ސިފައިންގެ ހިދުމަތާ، 1984 އަހަރު ގުޅިވަޑައިގަތް ޒަކަރިއްޔާ މަންސޫރު 37 އަހަރު ދުވަހުގެ ހިދުމަތަށްފަހު ޝަރަފްވެރިކަމާ އެކު ރިޓަޔަކުރެއްވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ. އޭގެ ފަހުން ވެސް އޭނާ ހުންނެވީ އެންސީޓީސީގެ އެންމެ އިސްވެރިޔާގެ މަގާމުގައެވެ.

އެމަގާމުން އޭނާ ވަކިކުރީ މިހާރު އޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިދިޔަ ނޮވެމްބަރު މަހުގެ 17 ގައެވެ.

އެންސީޓީސީގެ ވެރިޔަކަށް އައްޔަން ކުރި ވައިސް ވަހީދު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 1989 ވަނަ އަހަރުގެ ޖޫން މަހު 19 ވަނަ ދުވަހުއެވެ. އޭނާ 34 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ރިޓަޔާ ކުރެއްވީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

ވައިސް ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރުކަމާއި އޮފީސް އޮފް ދަ ޗީފް އޮފް ސްޓާފްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި އެމްއެންޑީއެފް ކޭޓަރިން ސާވިސްގެ ކޮމާންޑިން އޮފިސަރުކަމާއި އެ ސާވިސްގެ ސެކަންޑް އިން ކޮމާންޑްކަމާއި ސަޕޯޓް ބެޓޭލިއަން ދޭއްގެ ސެކަންޑް އިން ކޮމާންޑު ކަންވެސް ކުރައްވައިފައެވެ.

މީގެ އިތުރުން ސެޕްޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ކޮމާންޑިން އޮފިސަރުގެ އެހީތެރިޔާގެ މަގާމާއި އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮފް ލޮޖިސްޓިކްސް އެންޑް އިންޖިނިއަރިންގެ ޕްރިންސިޕަލް ޑައިރެކްޓަރުގެ މަގާމުގެ އިތުރުން 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ސަރުކާރުން އުފެއްދެވި ޑިޒާސްޓާ މެނޭޖްމަންޓް ރިލީފް ކޮމިޓީގެ މެމްބަރުކަން ވެސް ވައިސް ވަހީދު ވަނީ އަދާކުރައްވައިފައެވެ.

އެންސީޓީސީއަކީ ޓެރަރިޒަމްގެ މައްސަލަތަކާ ބަލައި ދިރާސާކުރުމާއި އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ސެންޓަރެކެވެ.