އުސޫލެއްގެ ގޮތުން މިހާތަނަށް ފައިލޭރިއާއަށް ސްކްރީން ކުރުމަށް ވޯކް ޕާމިޓުގައި ހިމަނާފައި ނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާއަށް ކުޅުދުއްފުށި ސިޓީން 25 ބިދޭސީއަކު ޕޮޒިޓިވް ވެފައިވާ އިރު، އިއްޔެ ވަނީ ހުޅުމާލެއިން ވެސް ބިދޭސީއަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް މިހާތަނަށް ހެދި ޓެސްޓުތަކުން ދިވެއްސަކު އެ ބައްޔަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.

ފައިލޭރިއާއާ ގުޅޭގޮތުން ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމް"ގައި މިރޭ ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. އަހުމަދު އަޝްރަފް ވިދާޅުވީ، މިހާރު އޮންނަ އުސޫލުގެ ދަށުން ވޯކް ޕާމިޓް މެޑިކަލްގައި ޓެސްޓުކުރަނީ ހެޕަޓައިޓިސް، އެޗްއައިވީ އަދި ޓިއުބާކްލޯސިސްއަށް ކަމަށެވެ.

"އަދި މިހާތަނަކަށް ފައިލޭރިއަސިސް ސްކްރީން ކުރުމަކަށް ވޯކް ޕާމިޓުގައި ހިމަނާފައެއް ނޯންނާނެ. އެހެންނަމަވެސް މީގެ ކުރިން ވާހަކަދެކެވުނު، މިސާލަކަށް ލެޕްރޮސީ ބަލީގެ ސްކްރީނިން ކުރުމުގެ މަސައްކަތެއް ފެށުމާ ބެހޭގޮތުން. އެހެންނަމަވެސް އަޅުގަނޑުމެންގެ ވޯކް ޕާމިޓްގެ މެޑިކަލް ތެރޭގައި އެބައި ހިމެނިފައެއް ނެތް،" އޭނާ ވިދާޅުވިއެވެ.

ޑރ. އަޝްރަފް ވިދާޅުވީ ވޯކް ޕާމިޓް މެޑިކަލްގައި ފައިރޭރިއާއަށް ސްކްރީންކުރުން ހިމެނުން އެއީ ކިހާ މުހިންމު ކަމެއްތޯ އާއި އަދި އިމްޕޯޓުވާ ކޭސްތައް ދެނެގަތުމަށްޓަކައި ވޯކް ޕާމިޓް މެކޭނިޒަމްގެ ތެރެއިން އައިޑެންޓިފައި ކުރެވޭނެ ގޮތް ހޯދުމަށް އެކަމާ ގުޅޭގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅޭގޮތުން ހަދަން ޖެހޭ އުސޫލުތަކާ މެދު ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

ބައްޔާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވިދާޅުވީ ފައިލޭރިއާ އަކީ "ކިޔުލެކްސް" މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށާއި ރާއްޖޭގައި ވެސް އެ މަދިރި އުޅޭ ކަމަށެވެ. ނަމަވެސް ޑެންގީ ޖައްސާ "އީޑީސް" މަދިރިއާ ހިލާފަށް، "ކިޔުލެކްސް" މަދިރި އެއްފަހަރު ހެފުމަކުން އަދި އެމީހެއްގެ ގަޔަކަށް ފަންޏެއް ވާސިލު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މަދިރީގެ އަނެއް ތަފާތު ކަމަކީ މި މަދިރި ބިސް އަޅަނީ ވަރަށް ހަޑި ފެންގަނޑު، މިސާލަކަށް ޖަންގްޝަންތައް ކަހަލަ ތަންތަނަށް. އެހެންނަމަވެސް އީޑީސް މަދިރި ބިސް އަޅަނީ ރީތި ފެނަށް. އެހެންވީމާ އަޅުގަނޑުމެންނަށް މިވަގުތު ފޯކަސްކުރަން ޖެހެނީ ހަޑި ފެނަށް. ނަމަވެސް މިވަގުތު އަޅުގަނޑުމެން މި މަސައްކަތްކުރަނީ މަދިރިން ޖެހޭ ބަލިތަކަށް ރައްކާތެރިކަން ހޯދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް. އެހެންވީމާ އޭގެ އެންމެ މުހިންމު ކަމަކީ ފެން ހަރުލާ ޒާތުގެ ތަންތަން ނައްތާލުން. އީޑީސް ވިޔަސް، ކިޔުލެކްސް މަދިރި ވިޔަސް،" އޭނާ ވިދާޅުވިއެވެ.

ޑރ. އަޝްރަފް ވިދާޅުވީ ފައިލޭރިއަސިސްއަށް އިންފެކްޓުވެފައި ހުރި މަދިރިއެއް އަނެކާގެ ގަޔަށް ބަލި ޖެއްސުމަށްޓަކައި ގާތްގަނޑަކަށް 15،500 ފަހަރު އެމީހެއްގެ ގައިގައި ހަފަން ޖެހޭ ކަމަށާއި އެ ފަނީގެ ތެރޭގައި ވެސް ދެ ޖިންސުގެ ފަނި ހަށިގަނޑުގެ ތެރެއަށް ވަންނަން ޖެހޭ ކަމަށެވެ. އަދި އެ ބަލި ޖައްސާ މަދިރި ހަފަނީ ވެސް ގިނަފަހަރު ރޭގަނޑުގެ ވަގުތުތަކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ފައިލޭރިއާ ފެނިފައިވަނީ ބައިނަލްއަގުވާމީ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި މިމަހުގެ އެއްވަނަ ދުވަހު އަދި ދެވަނަ ދުވަހު ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި އެކި ބަލިތަކަށް ސްކްރީންކުރުމުގެ ތެރޭގައެވެ.