އައްޑޫ މަރަދޫ އާއި ހިތަދޫއާ ދެމެދު އޮންނަ ހަންކެޑެ ތަރައްގީ ކުރުމަކީ އައްޑުއަށް ބޮޑެތި ކުރިއެރުންތަކެއް އައިސް ޓޫރިޒަމް ފުޅާކޮށްދޭނެ މަޝްރޫއެކެވެ. އެހެންވެ އެ ރަށުގައި ރިސޯޓެއް ހަދަން 2006 ގައި ބަޔަކާ ހަވާލުކުރިއެވެ. ނަމަވެސް އެ މަސައްކަތް ކުރިއަކަށް ނުދިޔައެވެ. އޭގެ ފަހުން ފަސް ފަހަރެއްގެ މަތީން އެ ތަނުގައި ރިސޯޓެއް ތަރައްގީ ކުރަން މަސައްކަތް ކުރިއެވެ.
އެންމެ ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން 2 ޑިސެމްބަރު 2021 ގައި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވަލޮޕްމަންޓް ޕްރޮޖެކްޓް ސަރަހައްދަކަށް ހަންކެޑެ ކަނޑައެޅުއްވިއެވެ.
ނަމަވެސް ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑު މެނޭޖުނަންޓް ކޯޕަރޭޝަނުން ހަންކެޑެ ތަރައްގީ ކުރުމަށް އިއުލާނުކޮށް ޑިޒައިންގެ ފޮޓޯތައް އާންމުކުރީ 2023 ގެ ޖެނުއަރީ 27ގަ އެވެ. އަދި މި އަހަރުގެ މާޗު 30 ވަނަ ދުވަހު އެ މަޝްރޫއު ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީސީ) އާ ހަވާލުކުރިއެވެ.
ފަންޑު މެނޭޖުނަންޓް ކޯޕަރޭޝަނުން ބުނެފައިވާ ގޮތުން، އެ މަޝްރޫއުގެ ޖުމުލަ އަގަކީ ގާތްގަނޑަކަށް 175 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ)އެވެ. އެ މަޝްރޫއަށް ޗައިނާގެ ބޭންކަކުން ފަންޑު މެނޭޖުނަންޓް ކޯޕަރޭޝަނަށް ވަނީ 142 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ފައިނޭންސިން ފެސިލިޓީއެއް ނަގައިފައެވެ. ކުރީގެ ސަރުކާރުން ބުނެފައިވާ ގޮތުން އެ ފައިސާ ވަނީ ހަމަޖެހިފައެވެ.
ހަންކެޑެ މަޝްރޫއުގެ ދަށުން 1،041 ކޮޓަރި ހެދުމަށް ހަމަޖެހިފައިވާއިރު، އެތަން ތަރައްގީ ކުރަނީ ރިސޯޓް، ސިޓީ ހޮޓާ، ގެސްޓްހައުސް އަދި ވޯޓާވިލާ ހިމަނައިގެންނެވެ. ކުރީގެ ރައީސް ސޯލިހު ވިދާޅުވެފައިވާ ގޮތުން، އެ މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެއެވެ. ނަމަވެސް އަހަރު ނިމުނުއިރުވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ދެކުނުގެ އިގުތިސާދީ މައި ދޮރާއްޓެވެ. އެއީ ދެބަސް ވެވެން އޮތް ކަމެއް ނޫނެވެ. ނަމަވެސް ސަރުކާރުގެ 70 ޕަސެންޓް ހިއްސާއާއި ކާސާ ހޯލްޑިންގްސްގެ 30 ޕަސެންޓް ހިއްސާ އޮންނަ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުން ހިންގާ އެ އެއާޕޯޓަށް މިހާތަނަށްވެސް އޮތީ އެކަށީގެންވާ ތަރައްގީ ނައިހެވެ.
އެކަން ބަދަލުވީ މި އަހަރުގެ ތެރޭގައެވެ. މިދިޔަ ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރި 800 މިލިއަން ޑޮލަރުގެ ލޯނު ފައިސާގެ ދަށުން 28.5 މިލިއަން ޑޮލަރު (437 މިލިއަން ދިވެހި ރުފިޔާ) ނަގައިގެން ގަން އެއާޕޯޓް ތަރައްގީ ކުރަން ނިންމިއެވެ. އަހަރުގެ މާޗު މަހުގެ ތެރޭގައި އެ އެއާޕޯޓް ތަރައްގީކުރަން އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކުރިއެވެ. އެއީ އެ މަޝްރޫއަށް ޕްރީ ކޮލިފައި ކުރި ހަތް ކުންފުނީގެ ތެރެއިންނެވެ.
ކުރީގެ ސަރުކާރުން ބުނެފައިވާ ގޮތުން، ގަން އެއާޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.5 ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާއެކުއެވެ. އެއާޕޯޓް ޓާމިނަލަކާއި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖު ވަސީލަތްތަކާއި ކޯލްޑް ސްޓޯރޭޖަކާއި ކާގޯ ވަސީލަތްތަކާއި މުޅިން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނަކާއި އެއާޕޯޓްގެ މަގުތަކާއި ޕާކިން ސަރަހައްދެއް ތަރައްގީކުރާން ވަނީ ހަމަޖައްސައިފައެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ވަނީ ފަށައިފައެވެ.
ރާއްޖޭގެ އުތުރު ނުވަތަ ބޮޑުތިލަދުންމައްޗަށް ފަތުރުވެރިކަން ތަރައްގީކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން އުފުލާ ޑައިރެކްޓް ފްލައިޓްތައް އެ ސަރަހައްދަށް އޮޕަރޭޓް ކުރެވޭނެ ގޮތެއް ނެތުމެވެ. އެ ސަރަހައްދަށް ފަތުރުވެރިން ޒިޔާރަތްކުރަން ކުރަންޖެހޭ ދަތުރުފަތުރުގެ އަގުބޮޑުވުމެވެ.
އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި އެންމެ މުހިންމު އެއް މަޝްރޫއެވެ.
މިއީ އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދިޔާ ބޮޑުތިލަދުންމަތި ބަދަލުކޮށްލާނެ މަޝްރޫއެކެވެ. އެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިިމިޓެޑާ 2022 ވަނަ އަހަރު ހަވާލުކޮށް ސޮއި އެޅި ނަމަވެސް، އަމަލީ މަސައްކަތް ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.
އެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާއިރު، އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރާނެ އެވެ. ކުރީ ސަރުކާރުން ބުނާ ގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެއެވެ.
2023 ގެ ތެރޭގައި ހަނިމާދޫ ރަންވޭގެ މަސައްކަތް ނިންމަން ކުރީ ސަރުކާރުން އަމާޒު ހިފި ނަމަވެސް، އެ މަސައްކަތް ނިމިފައެއް ނުވެއެވެ.
މި އަހަރަކީ އައްޑޫއަށް ތިޔާގި އަހަރެކެވެ. ގިނަ މަޝްރޫއުތަކެއް ފެށި ނިމުނު އަހަރެކެވެ. އޭގެ ތެރެއިން ގިނަ ކަންކަމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން 2018ގައި ނިންމާލި ޖަލްސާ އައްޑޫ ސިޓީގައި ބޭއްވި އިރު، އެ ސިޓީ ރައްޔިތުން ބޭނުންވާ ކަންކަން ހިމަނައި، އެ މަނިކުފާނަށް އެރުވި 'ވައުދުނާމާ' ގައި ހިމެނޭ ކަންކަމެވެ.
އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ އައްޑޫ ސިޓީގެ ބިން ހިއްކުމެވެ. އެއީ ރައީސް ސޯލިހުގެ ވައުދުފުޅުތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވި އެއް ކަމެވެ. އެ މަޝްރޫއުގައި މިދިޔަ އަހަރު ސޮއި އެޅި ނަމަވެސް، އަމަލީ މަސައްކަތް ފަށައި، ނިންމީ މި އަހަރުގެ ތެރޭގައެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްގެން އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑްއާއެކު ސޮއިކުރީ 27 މާޗް 2022ގައެވެ. މަޝްރޫއު ފެށީ މި އަހަރުގެ ޖޫން މަހުގެ ކުރީކޮޅެވެ.
މަޝްރޫއުގެ ދަށުން ހިއްކަން ނިންމި ޖުމުލަ 194.3 ހެކްޓަރުގެ ބިން އޮގަސްޓް މަހުގެ ކުރީކޮޅުގައި ހިއްކައި ނިންމާފައިވާއިރު، މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތް ކުރުމެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިތަދޫއަށް 90 ހެކްޓަރު، މަރަދޫ/ މަރަދޫފޭދޫއަށް 76 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، ފަތުރުވެރިކަމަށް އައްޑޫ ފަޅުތެރެއިން 8.3 ހެކްޓަރުގެ ތިން ރަށް ވަނީ ހިއްކައިފައެވެ. އޭގެ އިތުރުން ދެން ހިމެނެނީ ހަތަރު ލޭން ޑިޓުއާ ލިންކް ރޯޑުގެ އެމްބާކްމަންޓަށް ހިއްކި 3.3 ހެކްޓަރުގެ ބިމެވެ.
ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ، ވަށައިގެން ކަނޑު އޮންނަ ރާއްޖޭގެ، ކަނޑުދަތުރުފަތުރުގެ ހިދުމަތަށް ރާއްޖޭގެ ތާރީހުގައި ވެސް ގެނައި އެންމެ ބޮޑު އިންގިލާބީ ބަދަލަކީ ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އެވެ. މުޅި ރާއްޖެ ގުޅައިލެވޭ އެ ހިދުމަތަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
އެ ހިދުމަތުގެ ތެރެއިން މި އަހަރު ތެރޭ ވަނީ ޒޯން ފަހެއްގައި ހިމެނޭ ގއ. އަދި ގދ. އަތޮޅާއި ޒޯން ހައެއްގައި ހިމެނޭ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ފެރީގެ ހިދުމަތް ފަށައިފައެވެ. މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ގއ. އަދި ގދ. އަތޮޅަށް ފެށި އާރުޓީއެލް ފެރީގެ ހިދުމަތުގެ ދަށުން ހަ ސްޕީޑް ފެރީ މެދުވެރިކޮށް ނުވަ ރޫޓަކުން ހިދުމަތް ދެމުން އަންނައިރު، އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް އެ ހިދުމަތް ދެމުން އަންނަނީ ދެ ސްޕީޑް ފެރީ މެދުވެރިކޮށް ދެ ރޫޓަކުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު، ރަސްމާލެ ތަރައްގީ ކުރަން ކ. ފުށިދިއްގަރުފަޅު ހިއްކަން ފެށީ މި މަހުގެ ތެރޭގައެވެ.
ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ފުށިދިއްގަރުފަޅުން 1153 ހެކްޓަރު ހިއްކައިގެން ރަސްމާލެ ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ، ތިލަފުށި ހިއްކަމުން އަންނަ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ.
އެ ކުންފުންޏަށް އެ މަސައްކަތުގެ އަގު ދައްކަނީ ހުޅުމާލެއިން 10 ހެކްޓަރު އަދި ރަސްމާލެއިން 60 ހެކްޓަރާއެކު ޖުމުލަ 70 ހެކްޓަރު، 99 އަހަރަށް ދީގެންނެވެ. އެހެންކަމުން މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ސީދާ އެއްވެސް ހަރަދެއް ނުކުރެއެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުން ކުރިއަށް އޮތް 8 މަސް ދުވަހުގެ ތެރޭގައި ރަސްމާލެ ހިއްކައި ނިމޭނެއެވެ. އަދި އެތަނުން ރަށްރަށުގެ ރައްޔިތުންނަށްވެސް ގޯތި ލިބޭނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު