އެ މަނިކުފާނުގެ އެންމެ ބޮޑު އެއް ވައުދު ކަމަށްވާ ފުށިދިއްގަރު ނުވަތަ ރަސްމާލޭގެ މަޝްރޫއު ކުރިއަށްދަނީ ދައުލަތުގެ ބަޖެޓުން ހަރަދުކުރަން ނުޖެހޭނެ ގޮތަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ކަންގަތިކޮލި 2023 އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ދިވެހި ގިނަ ރައްޔިތުން އެ މަނިކުފާނުގެ އަރިހުގައި ދަންނަވާފައިވަނީ ބޯހިޔާވަހިކަމުގައި ދިމާވާ ދަތިތަކުގެ ވާހަކަތައް ކަމަށެވެ. ކުދިކުދި ގޮޅިގޮޅީގައި ތިންހަތަރު ކުދިން ގޮވައިގެން ނިދައި ކައިބޮއި ހެދުމުގެ ތަކުލީފުގެ ވާހަކައާއި އެ ދިރިއުޅުމުގެ އަރާމެއްނެތް ވާހަކަ، ރައްޔިތުން އެ މަނިކުފާނާ ހިއްސާކުރި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަބަދާއަބަދު ކުރެވޭ ނިކަމެތި ހިތްދަތި އިހުސާސްތަކުގެ ވާހަކައާއި އެ ވާހަކަތައް ދެއްކި މަންމައިންގެ ލޮލުން އޮހުނު ކަރުނައިން، އެ މަނިކުފާނަށް ފުން އަސަރުތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންވެ އެ މަނިކުފާނު ނިންމެވީ "ފުރަތަމަ14 ހަފުތާ" ތެރޭގައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފަށަން ކަމަށް ރައީސް ވިދާޅުވިއެވެ.
"ރަސްމާލެ މަޝްރޫއު ފެށިގެން އެ ދަނީ ކުރިއަށް. އެ މަޝްރޫއު ކުރިއަށް އެ ދަނީ ދިވެހި ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއްކުރަން ނުޖެހޭ ގޮތަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަސްމާލެ ބިނާކުރާނީ ތިމާވެއްޓާ ރަށްޓެހި، ޒަމާނީ އަދި ސްމާޓް ސިޓީއެއްގެ އިތުރުން ޑިޖިޓަލް ސްމާޓް ސިޓީއެއްގެ ގޮތުގައި ކަމަށެވެ. އެއާއެކު ގިރާވަރު ފަޅުން އިތުރަށް ހިއްކާ ބިމާއި މިހާރު އޮތް ހުޅުމާލެއާއެކު ޒަމާންވީ ގެދޮރުވެރިކަމުގެ ހިތްދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާލެ ވެގެންދާނީ ރާއްޖޭގެ އިތުރުން ދުނިޔޭގައި ވެސް ވިދާލާނެ ރަށަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކޮށްފައިވަނީ ފުށިދިއްގަރުފަޅު ހިއްކުމަށް ހިމަނާފައިވާ 400 މިލިއަން ރުފިޔާ އުނިކުރުމަށްފަހުއެވެ. ބަޖެޓުން އެ މަޝްރޫއު އުނިކުރި ނަމަވެސް، ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު މިދިޔަ ހޯމަ ދުވަހު ސަރުކާރުން ވަނީ ފަށައިފައެވެ.
ބަޖެޓުގައި ނެތީސް އެ މަޝްރޫއު ފެށުމުން ގިނަބަޔަކު ވަނީ މަޝްރޫއަށް ފައިނޭންސް ހޯދި ގޮތާ މެދު ސުވާލު އުފައްދަވައިފައެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސް އެ މަޝްރޫއަށް ފައިނޭންސް ހޯދި ގޮތުގެ ތަފުސީލެއް ނުދެއްވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު