ސްކޫލުތަކުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރަށް މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމަކޮށްފިއެވެ.
އިސްކަންދަރު ކޮށީގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަރެކްޝަންސްގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު އާސިފް ވިދާޅުވީ، މާލޭ ޖަލާ އިންވެގެން ދަރުމަވަންތަ ސްކޫލު ހުރުމުން ސްކޫލުގެ ބައެއް ކުދިންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އެހެންވެ، އެ ޖަލު ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މާލޭ ޖަލު ހުސްކުރަން ގައިދީން ބަދަލުކުރަން މާފުށީ ޖަލުގެ ބައެއް ޔުނިޓުތަކަށް ބަދަލު ގެނެސް ޖާގަ ހަދާފައިވާ ކަމަށާއި އައްސޭރި ޖަލުގައިވެސް ޖާގަ އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރަށް މާލޭ ޖަލު ހުސްކޮށް ނިންމާލެވޭނެ ކަމަށް އުންމީދުކުރަން،" އާސިފް ވިދާޅުވިއެވެ.
އާސިފް އިތުރަށް ވިދާޅުވީ ސިއްހީ ފަރުވާއަށް މާލެ ގެންނަ ގައިދީން ބޭތިއްވުމަށާއި ކޯޓަށް ގެންނަ ގައިދީން ބޭތިއްބުމަށް ކަރެކްޝަންސްގެ އެނެކްސް އެކެއްގެ އިމާރާތަށް ބަދަލުތައް ގެނެސް އިންތިޒާމު ހަމަޖައްސަން މަސައްކަތްކުރަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު