މޫސުމީ ބަދަލުތަކާ މެދު ހޭލުންތެރިވުމަށާއި މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް ވަކާލާތުކުރުމަކީ މުހިންމުކަމެއް ކަމަށް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓަރު ތާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ކްލައިމެޓް ޗޭންޖް ޑިޕްލޮމަސީ ލީޑާޝިޕް އެންޑް ރެސިލިއެންސް ޕްރޮޖެކްޓް ނިންމާލުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ތާރިގު ވިދާޅުވީ މޫސުމީ ބަދަލުތަކާ ބެހޭގޮތުން ރާއްޖެ ވަކާލާތުކުރަމުން އަންނަތާ އެތައް އަހަރެއްވެފައިވާ އިރު، އޭގެން ނަތީޖާ ފެންނަން ފެށީ، 2015 ވަނަ އަހަރު ދުނިޔޭގެ އެތައް ގައުމެއް އެއްބައިވެ، ޕެރިސްގައި އެކުލަވާލެވުނު މުއާހަދާއަށްފަހު ކަމަށެވެ. އަދި އޭގެ އަށް އަހަރު ފަހުން، ނިމިގެންދިޔަ ކޮޕް28 ސަމިޓުގައި "ގްލޯބަލް ސްޓޮކްޓޭކް"އަކަށް ގައުމުތަކަށް އެއްބަސްވެވި، އެއަށް އަމަލީ މަސައްކަތް ފެށިފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކާއި އަޅައި ބަލާއިރު، ރާއްޖެއިން ޖައްވަށް ބޭރުކުރާ ނުރައްކާތެރި މާއްދާގެ މިންވަރަކީ 0.0035 އިންސައްތަ ކަމަށާއި އެ އަދަދަކީ ކުޑަ އަދަދެއް ނަމަވެސް، ރާއްޖެއިން މަސައްކަތްކުރާނީ މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެހެން ގައުމުތަކަށް ނަމޫނާ ދައްކާ ބަޔަކަށްވުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އަލިއަޅުއްވައިލައްވަމުން މިނިސްޓަރު ވިދާޅުވީ އެފަދަ މުހިންމު މަސައްކަތްތައް ކުރިއަށްދާ އިރު، ޑިޕްލޮމަސީ އާއި ވަކާލާތުކުރުމާއި، ތަރައްގީވެފައިވާ ގައުމުތަކުން ރާއްޖެ ފަދަ ޖަޒީރާ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިވެދިނުން މުހިންމު ކަމަށެވެ.

ކްލައިމެޓް ޗޭންޖް ޑިޕްލޮމަސީ ލީޑާޝިޕް އެންޑް ރެސިލިއެންސް ޕްރޮޖެކްޓަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފަންޑުކޮށްގެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި މޫސުމީ ބަދަލުތަކާ ބެހޭގޮތުން ކެޕޭސިޓީ އިތުރުކުރުމަށް ހިންގި މަޝްރޫއެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، ބެލްޖިއަމްގެ ޔުނިވާސިޓީ އޮފް ލިއެޖް، ސްލޮވާކިއާގެ ޔުނިވާސިޓީ އޮފް އިކޮނޮމިކްސް އޮފް ބްރަޓިސްލާވިއާ، ފްރާންސްގެ ޔުނިވާސިޓީ ޕެރިސް ސީޓޭ އާއި އެމްއެންޔޫ ގުޅިގެން ކުރިއަށްގެންދިޔަ އެ މަޝްރޫއުގެ ދަށުން، މޫސުމީ ބަދަލުތަކާ ބެހޭ ޑިގްރީއެއް އެމްއެންޔޫއަށް ތަޢާރަފުވެގެންދިޔަ ކަމަށާއި މައުލޫމާތު ބަދަލުކުރުމުގެ އެތައް ޕްރޮގްރާމްތަކެއްގައި އެ ހަތަރު ޔުނިވާސިޓީން ބައިވެރިވެފައިވާ ކަމަށެވެ.