އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ގާނޫނާ ހިލާފަށް އަމަލުކޮށްވާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވީ އެމްޑީޕީގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ.
އޭނާ މި ކުއްލި މައްސަލަ ހުށަހެޅުއްވީ، ރާއްޖެއަށް ބަންގުލަދޭޝްގެ އަންސްކިލްޑް ލޭބަރުން ފިޔަވައި އެހެން އެއްވެސް ގައުމެއްގެ ލޭބަރުން ރާއްޖެއަށް ނުގެނައުމަށް ސަރުކާރުން އިއްޔެ ނިންމި ނިންމުމާ ގުޅިގެންނެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބުނަނީ އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގެނެވޭނީ 100,000 މީހުން ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީން އެންމެފަހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި 139,220 ބަންގުލަދޭޝް މަސައްކަތު މީހުން އެބަތިއްބެވެ.
ބަންގުލަދޭޝް މީހުން ނޫން އެހެން ގައުމެއްގެ ބަޔަކު ނުގެނެވޭގޮތަށް ނިންމުމަށް ފަހު ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ އަދަދުތައް އެނގޭގޮތަށް އިކޮނޮމިކް މިނިސްޓްރީގައި ހުރި އެންމެފަހުގެ ރެކޯޑްތައް އެ މިނިސްޓްރީގެ ސޯޝަލް ޕްލެޓްފޯމުތަކުން ވަނީ ފޮހެލައިފައެވެ.
އެކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފެށުމުން މިނިސްޓަރު ސައީދު ވަނީ އެތަކެތި ޑިލީޓުކުރަން އަންގާފައި ނުވާނެ ކަމަށް ވިދާޅުވެ އެކަން ތަހުގީގުކުރަން އަންގަވައިފައެވެ.
އެކަމާ ގުޅިގެން ހިސާން ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ އިކޮނޮމިކް މިނިސްޓްރީން އެ ޓުވީޓު ޑިލީޓުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެހެން އެއްވެސް ގައުމެއްގެ ބަޔަކަށް ކޯޓާ ދޫނުކުރަން ނިންމާފައިވަނީ އެއްވެސް ދިރާސާއެއް ނެތި ވަޒީފާއާ ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ މަގުސަދު ގެއްލޭ ގޮތަށް ކަމަށް ވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު