މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އިތުރުން، ސަލާމަތާއި ރައްކާތެރި ނޫން ގޮތަށް އަމަލުކުރާނަމަ ޖޫރިމަނާކޮށް، އަނިޔާ ލިބޭ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ނަގައިދޭ، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި މި ބިލުގައި މަސައްކަތްތެރިންނާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވާކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު އެޑްވައިޒަރީ ކައުންސިލެއް އެކުލަވާލަން މި ބިލުގައި ވަނީ ހުށަހަޅައިފައެވެ.
ތޭރަ މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކައުންސިލުގެ މަސްއޫލިއްޔަތުގެ ތެރޭގައި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މިނިސްޓަރަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމުގެ އިތުރުން، މަސައްކަތުގެ މާހައުލާ ގުޅުންހުރި މަރު އަދި އަނިޔާތަކުގެ ތަފާސްހިސާބު ދިރާސާކުރުމާއި، މަސައްކަތުގެ މާހައުލާ ގުޅޭ އިންޑަސްޓްރީ ކޯޑުތައް އެކުލަވާލުމުގައި ލަފާދިނުންވެސް ހިމެނެއެވެ.
އެ ކައުންސިލުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ޑިރެކްޓާ ޖެނެރަލެއް ކަނޑައަޅަން ޖެހޭނެ ކަމަށްވެސް ބިލުގައިވެއެވެ. އެ ކައުންސިލުގައި މަސައްކަތްތެރިން ތަމްސީލުކުރާ މެމްބަރުންނާއި، ވަޒީފާ ދޭ ފަރާތްތައް ތަމްސީލުކުރާ މެމްބަރުންނާއި، ހެލްތު މިނިސްޓްރީގެ ބޭފުޅުންވެސް ހިމެނެން ޖެހެއެވެ.
އެ ކައުންސިލުގެ އިތުރު ޒިންމާތަކުގެ ތެރޭގައި މަސައްކަތުގެ މާހައުލުގައި އެކްސިޑެންޓެއް ހިނގައިފި ހިނދެއްގައި އެކަން ތަހުގީގުކުރުން ލާޒިމުކޮށްފައިވެއެވެ. އެގޮތުން ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޝަނެއް ކައުންސިލުން ހިންގަންވާނެ ކަމަށާއި، ކުރާ ތަހުގީގުގެ މައްޗަށް އެކުލަވާލާ ރިޕޯޓް ޑިރެކްޓާ ޖެނެރަލަށް ފޮނުވަން ވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެކްސިޑެންޓެއް ނުވަތަ ހާދިސާއެއް ހިނގުމަށްފަހު، އެކަމުގެ ތަހުގީގު ނުނިމެނީސް އަދި ކަމާ ގުޅުންހުރި ފަރާތްތަކުގެ އެންގުމާ ހިލާފަށް އެތަނަށް ބަދަލެއް ގެނެސްފި ނަމަވެސް ޖޫރިމަނާކުރެވޭނެއެވެ.
އެފަދަ އަމަލެއް ހިންގި ފަރާތެއް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ވަޒީފާ ދޭ ފަރާތްތަކުގެ ޒިންމާ އާއި، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޒިންމާތައްވެސް ބިލުގައި ތަފްސީލުކޮށްދީފައިވެއެވެ. އެގޮތުން ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޒިންމާތަކުގެ ތެރޭގައި، މަސައްކަތްކުރާ ތަނުގައި އެއްވެސް މީހެއްގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ. އެފަދަ ކަމެއް ކޮށްފިނަމަ 25،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ބިލުގައިވެއެވެ.
ވަޒީފާދޭ ފަރާތްތަކަށް އެއްބާރުލުން ދިނުމާއި، ސަލާމަތީ ވަސީލަތްތައް އެކަށީގެންވާ ގޮތަށް ބޭނުންކުރުމާއި، މަސައްކަތްތެރިން އަމަލުކުރަން ޖެހޭ އިތުރު ގޮތްތައްވެސް މި ބިލުގައިވެއެވެ. އަދި އެފަދަ އެއްވެސް ކަމަކާ ހިލާފު ވެއްޖެނަމަ ވަޒީފާ އަދާކުރާ މީހާ 1،000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް ބިލުގައިވެއެވެ.
މަސައްކަތްކުރާ ތަން ހިންގާ ފަރާތްތަކުގެ ޒިންމާތައްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން މަސައްކަތްކުރާ ތަނުގައި އެއްވެސް ކަމަކާ ގުޅިގެން އެއްވެސް އަސަރެއްކޮށްފާނެ، ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ނޫން ފަރާތެއްވާނަމަ، އެ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ އެކަށީގެންވާ މިންވަރަށް ކަށަވަރުކޮށްދޭންވާނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ވަޒީފާ ދޭ ފަރާތްތަކުން ޢަމަލުކުރަން މި ބިލުގައި ހިމަނާފައިވާ ކަމަކާ ހިލާފުވެއްޖެނަމަ 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓެއްގެ ސަބަބުން ނަގައިދެވޭ ހަރަދާއި ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ. އަދި ބަދަލު ލިބިދީފައި ނުވާނަމަ ދައުވާކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު