ރާއްޖޭގައި މިވަގުތު ތިބި ކަމަށް ފާހަގަކުރެވޭ އިންޑިއާގެ 89 ސިފައިންގެ ތެރޭގައި ޑޮކްޓަރުން ވެސް ހިމެނޭ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ސަރުކާރުން އެންމެ ފުރަތަމަ ދިން މައުލޫމާތުގައިވާ ގޮތުން ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިންނެވެ. ނަމަވެސް ފަހުން އެ އަދަދު ވަނީ 89 އަށް އިތުރުވެފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، އެ އަދަދުތަކަށް މިހާތަނަށް ބަދަލެއް އައިސްފައި ނުވާ ކަމަށާއި މިވަގުތު ރާއްޖޭގައި ތިބީ އިންޑިއާގެ 89 ސިފައިން ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ޑޮކްޓަރުންނަކީ ސެނަހަޔާ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި އަދަދު ބައެއް ފަހަރު ތަފާތުވެގެން އެބަދޭ. ތަފާތު ލިޔުންތަކުގައި ތަފާތު ގޮތްތަކަށް ހުރުމާއެކު އަޅުގަނޑުމެން މިހާރު މިދަނީ އިންޑިއާގެ މަތީ ފެންވަރުގެ ވޯކިން ގްރޫޕަކާއެކު މަސައްކަތް ކުރަމުން. މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައި އޮތް އަދަދަކީ 89. އަދަދަށް އެއްވެސް ބަދަލެއް އަތުވެއްޖެ ކަމަށްވާ ނަމަ، އަޅުގަނޑުމެން ހާމަކުރަމުންދާނަން. މި އަދަދުތަކުގެ ތެރޭގައި ސެނަހިޔާގައި ތިބި ބައެއް ޑޮކްޓަރުންނާއި މެޑިކަލް ބައެއް ބޭފުޅުން ހިމެނޭ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ. އެކަން އަޅުގަނޑު މުޅިން ކަށަވަރުކޮށްލާފައި ދަންނަވާލާނަން،" އޭނާ ވިދާޅުވިއެވެ.

މިމަހުގެ ފަސްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އިންޑިއާ ސިފައިންގެ ކަންކަން ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށާއި އެ ކޮމިޓީގައި ފޮރިން މިނިސްޓްރީ، ޑިފެންސް މިނިސްޓްރީ އަދި ރައީސް އޮފީހުގެ ބައެއް ބޭފުޅުން ހިމެނޭ ކަމަށެވެ. އަދި ކޮމިޓީއަށް މިހާތަނަށް ލިބުނު ލިޔުންތަކުގައި އިންޑިއާ ސިފައިންގެ އަދަދާ ގުޅޭގޮތުން އެކިފަހަރު އެކި އަދަދުތައް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

"ލިބުނު ލިޔުންތަކުން އެކި ފަހަރު އެކި އަދަދު ހުރީ އައިސްފައި, 77 އިން 89 އަށް އެބަދޭ, އެވެސް ސާފެއް ނޫން. އަދިވެސް ހުރިހާ މައުލޫމާތެއް ސާފެއް ނޫން. އެއަށްވުރެ އިތުރުވެސް ވެދާނެ،" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައިވެސް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ފެށުން ހިމަނާފައިވެއެވެ. އަދި އެކަމަށް ވެރިކަމުގެ ފުރަތަމަ ދުވަހު މަސައްކަތް ފެށުމަށް ވަނީ ކަނޑައަޅުއްވައިފައެވެ. އެ މަސައްކަތުގެ ދަށުން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން، އިންޑިއާ ސިފައިން އަނބުރާ ގައުމަށް ގެންދާނެ ކަމަށް އެ ގައުމުގެ ފަރާތުން އެއްބަސްވެ، އަނގަބަހުން ޔަގީންކަން ދީފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.