ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ވައިޑްބޮޑީ ދެ ބޯޓު ގެންނަން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.
އެގޮތަށް ނިންމާފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގަައި ނިންމި ކަންކަމުގެ މައުލޫމާތުދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވިދާޅުވީ، މޯލްޑިވިއަންގެ ފުލީޓު ބޮޑުކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމީ ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ މަންޒިލުތަކަށް ދަތުރުތައް ފުޅާކުރުމުގެ މަގުސަދުގައި ކަމަށެވެ.
"މިގޮތަށް ވައިޑްބޮޑީ އެއާކުރާފުޓުތައް މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމުގެ ގޮތުން މި މަޝްރޫއު ފެށުމަށްޓަކައި، އިންވެސްޓުކުރަންޖެހޭ ފައިސާގެ އަދަދު މިނިސްޓްރީ އޮފް ފިނޭންސަށް ލިބިފައިވާ، ފައިނޭންސިން ފެސިލީޓީތަކުގެ ތެރެއިން، އައިލެންޑް އެވިއޭޝަންސް ސާވިސަސް ލިމިޓެޑަށް ލިބޭނެ ނިޒާމު ހަމަޖެއްސުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުން މިވަނީ ނިންމަވާފަ. އަދި މި މަޝްރޫއަށް ބޭނުންވާ ވައިޑްބޮޑީ އެއާކުރާފުޓުގެ ގޮތުގައި ދެ އެއާކުރާފުޓު، އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑުން ވަރަށް އަވަހަށް ގެނައުމުގެ މަސައްކަތް ފެށުމަށް ވެސް މިއަދު މިވަނީ ނިންމަވާފަ،" ޝަހީބު ވިދާޅުވިއެވެ.
ޝަހީބު ވިދާޅުވީ ކެބިނެޓުން ވަނީ އެ މަޝްރޫއު ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމާ ގުޅޭ ބައެއް ކަންކަން ނިންމާފައި ކަމަށެވެ.
އެގޮތުން އެންމެ ކުޑަ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށް ހޭންޑްލިން، ނެވިގޭޝަން، ލޭންޑިން އަދި ޕާކިންގެ އަގު ހެޔޮކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ވާހަކަ ދައްކައިގެން ހަމަޖައްސަން ނިންމާފައިވާ ކަމަށް ޝަހީބު ވިދާޅުވިއެވެ. އަދި މޯލްޑިވިއަނުން ސީދާ ދަތުރުކުރަން ބޭނުންވާ ގައުމުތަކުން ހަމަޖައްސަން ޖެހޭ ކަންކަން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ހަމަޖެއްސުމަށް ނިންމުމުގެ އިތުރުން ޓައިމްލައިންއާ އެއްގޮތަށް ކަންކަން ކުރިއަށްގެންދަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ޝަހީބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މޯލްޑިވިއަންއަށް ގެންނަ ވައިޑްބޮޑީ ބޯޓުން، ޗައިނާއަށް ސީދާ ދަތުރުތައް ބާއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު