ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމެވި ކަންތައްތަކުގެ ތަފްސީލު ދެއްވައިފައެވެ.
އޭގެ ތެރެއިން ކެބިނެޓުން ނިންމަވާފައިވާ އެއް ނިންމުމަކީ ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް، ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާތައް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދިނުމަށެވެ. އެއީ ޅ. ނައިފަރުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭން ޖަލްސާއެއްގައި މިދިޔަ އޯގަސްޓް މަހުގެ 31ގައި ރައީސް ވެވަޑައިގެންނެވި ވައުދެކެވެ.
"ހައްޖަށް ދިއުމަށް ގިނަ އަދަދެއްގެ ބަޔަކު މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގައި ރަޖިސްޓަރީވެފައިވާ ތިބި ތިބުމަށް ރިއާޔަތްކޮށް، ހައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ނުދިއުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އާންމު ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވާ ގޮތަށް ވަޒީރުންގެ މަޖިލީހުން މިއަދު މިވަނީ ނިންމަވާފައި،" ޝަހީބު ވިދާޅުވިއެވެ.
ޝަހީބު ވިދާޅުވީ އެ ނިންމުމާއެކު ރާއްޖެއަށް ކޮންމެ އަހަރަކު ލިބޭ 1000 ހައްޖު ކޯޓާ އެއްކޮށް ސީދާ ހައްޖު ކޯޕަރޭޝަނަށް ލިބިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.
ވަޒީރުންގެ މަޖިލީހުން މިއަދު ނިންމި އެހެން ނިންމުންތަކުގެ ތެރޭގައި އަންނަ އަހަރުން ފެށިގެން ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުމާއި، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަންގެ ނަމުގައި އާ ކުންފުންޏެއް އުފެއްދުމަށް ވެސް ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެއްވުމުގެ ސިޔާސަތު ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ތަންފީޒުކުރަން ފެށުމުގެ އިތުރުން ވައިޑް-ބޮޑީ އެއާކްރާފްޓް ހިދުމަތް އައިލެންޑް އޭވިއޭޝަނުން ފަށައިގަތުމަށް ބޭނުންވާނެ ފަންޑް ހަމަޖައްސައިދިނުމަށް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު