ރާއްޖެއަށް އަންނަ ބޭރުގެ ސަފާރީތަކާއި ޔޮޓް އަދި ކްރޫޒްލައިނާތަކުން ފީ ނެގުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހެދި ގަވައިދު އިސްލާހު ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

އޭރުގެ ޓޫރިޒަމް މިނިސްޓްރީއާއި ބޯޓިން އެސޯސިއޭޝަން އަދި ސުޕަ ޔޮޓާއި ކްރޫޒްލައިން ރާއްޖެ ގެންނަ ވިޔަފާރިވެރިންގެ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ގުޅިގެން "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު"ގެ ނަމުގައި ގަވާއިދެއް ހަދައި ގެޒެޓު ކުރީ ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ނަމަވެސް އެ ގަވާއިދުގެ ސަބަބުން މި މަހުގެ 14 ވަނަ ދުވަހު ރާއްޖެ އަންނަން އޮތް ކްރޫޒްލައިނެއް ނާންނާނެކަން ރަސްމީކޮށް އަންގާފައިވާތީ އެ ގަވައިދުގެ ސަބަބުން ކްރޫޒްލައިން ވިޔަފާރި ހުއްޓެމުންދާ ކަމަށް ބުނެ މާޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ކަންބޮޑުވުމާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތް ހާމަކުރައްވައި ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވީ ކްރޫޒްލައިން ވިޔަފާރިއާމެދު މިދިޔަ ސަރުކާރުން ހެދި ގަވައިދު އިސްލާހު ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދާދި އަވަހަށް މިހާރު ކުރިމަތިވެފައިވާ ދަތި ހައްލު ވެގެންދާނެ ވާހަކަ ދަންނަވަން،" ފައިސަލް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ހެދި ގަވާއިދާއެކު ޓޫރިސްޓު އުޅަނދުތަަކަށް ރާއްޖޭގައި ކްރޫޒިން ޕާމިޓް ދޫކުރާ މުއްދަތާއި އެކަމަށް ދައްކަންޖެހޭ ފީތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

އެގޮތުންް އެޖެންޓަށް ކްރޫސިން ޕާމިޓް ދޫކުރާނީ އެ ގަވާއިދުގައި ބުނާ ގޮތުން ބޭރުގެ ޓޫރިސްޓް އުޅަނދު، ކަސްޓަމްސް އިން އިންވާޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން ހަތް ދުވަހަށްވުރެ ދިގު މުއްދަތެއް ރާއްޖޭގައި ހޭދަކުރާ ނަމަ، އަދި އެ އުޅަނދަކީ 20 މީޓަރަށްވުރެ ބޮޑު އުޅަނދެއް ނަމަ، 1،000 އެމެރިކާ ޑޮލަރުގެ ފީއެއް މީރާއަށް ދެއްކުމުންނެވެ.

އެ ގަވާއިދުގައި ބުނެފައިވާ ގޮތުން ހުއްދައިގެ މުއްދަތަކީ ކަސްޓަމްސް އިން އިންވާޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން 90 ދުވަސް ނުވަތަ ތިން މަސް ދުވަހެވެ.

ނަމަވެސް އެ އުޅަނދަކީ އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދެއް ނަމަ، ކަސްޓަމްސް އިން އިންވާޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން އެއް އަހަރު ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްދެވިދާނެ ކަމަށާއި ނަމަވެސް އެ ހުއްދަ އެއް އަހަރަށްވުރެ އިތުރުކުރާ ނަމަ 3،500 ޔޫއެސް ޑޮލަރުގެ ފީއެއް ދައްކަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުން ކްރޫސިން ޕާމިޓް ލިބިފައިވާ 20 މީޓަރަށްވުރެ ބޮޑު އުޅަނދުފަހަރުން ދުވާލަކަށް 1000 އެމެރިކާ ޑޮލަރުގެ ފީއެއް މީރާއަށް ދައްކަންޖެހޭނެ އެވެ. ނަމަވެސް 20 މީޓަރާއި 20 މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި 90 ދުވަހާ ހަމައަށް އެއްވެސް ފީއަކާ ނުލައި ދުއްވައި ބަނދަރުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެ އުޅަނދަކީ އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނަމަ 90 ދުވަސް ހަމަވުމުން މުއްދަތު އިތުރުކުރާ ކޮންމެ ދުވަހަކަށް 50 ޔޫއެސް ޑޮލަރުގެ ފީއެއް ދައްކާގޮތައް 275 ދުވަހާ ހަމައަށް ކްރޫޒިން ޕާމިޓްގެ މުއްދަތު އިތުުރު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

އެ ގަވާއިދާ ހިލާފުވާ އުޅަނދުފަހަރުތައް ޖޫރިމަނާ ކުރާނެ އަދަދުތައްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފުރަަތަަމަ ފަހަރަށް 1،000 ޔޫއެސް ޑޮލަރު އަދި ދެވަނަ ފަހަރަށް 2،000 ޔޫއެސް ޑޮލަރުން ޖޫރިމަނާ ކުރާނެއެވެ. އަދި ދެ ފަހަރަށްވުރެ އިތުރަށް ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 6,000 ޔޫއެސް ޑޮލަރުން ޖޫރިމަނާ ކުރާނެއެވެ.