އޮސްޓްރޭލިއާ މީހަކު 10،000 ޑޯނަޓާއެކު ޑެލިވަރީ ވޭނެއް ވަގަށް ނަގައިފިއެވެ.

ފުލުހުންނާއި ހަވާލާދީ މީޑިއާތައް ބުނެފައިވާ ގޮތުގައި، އޮސްޓްރޭލިއާ ސިޑްނީގައި ޕެޓްރޯލް ސްޓޭޝަނެއްގައި ޕާކުކޮށްފައި އޮތް ވޭނެއް ވަގަށް ނަގާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެ ވޭނުގައި ކްރިސްޕީ ކްރީމްގެ 10،000 ޑޯނަޓް ޑެލިވަރީއަށް ތައްޔާރުކޮށްފައި ހުރިކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނި އެ ވޭން ހޯދުމަށް ސީސީޓީވީ ބަލައި ޓްރެކްކޮށް ހޯދައިފައެވެ. ހަފުތާއެއް ފަހުން ވޭން ފެނިފައިވާއިރު އޭގެ ތެރޭގައި ކުނިވެފައި ހުރި ޑޯނަޓުތައްވެސް ހުރިކަމަށް ފުލުހުން ބުނެއެވެ.

ކްރިސްޕީ ކްރީމް އިން ފުލުހުންނަށް އެމައްސަލަ ހުށަހަޅާފައިވާއިރު އެއީ ހާއްސަ އޯޑަރަކަށް ހަދާފައިވާ ޑޯނަޓުތަކެއް ކަމަށް ބުނެފައިވެއެވެ.

އެމައްސަލައިގައި އެ ގައުމުގެ 28 އަހަރުގެ އަންހެނަކު ހައްޔަރުކޮށް އޭނާގެ މައްޗަށް ވަނީ ވައްކަން ކުރިކަމުގެ ދައުވާ އުފުލާފައެވެ.