ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެވޭނީ، އެސިސްޓެންޓު ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިބި އޮފިސަރުންނަށް ކަމަށެވެ. އެހެންކަމުން އެ އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން "ލެޓާ އޮފް އިންޓްރެސްޓް" މިނިސްޓްރީއަށް ހުށަހަޅަން ވާނެ ކަމަށެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި އެންމެފަހުން ހުންނެވީ މުހައްމަދު ހަމީދެވެ. ހަމީދު ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ މަގާމުން ރިޓަޔާ ކުރައްވައިފައެވެ. އެފަހުން އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހަމަޖައްސާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފެވެ. އަދި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރަކަށް ހަމަޖެއްސީ އަލީ ރަޝީދެވެ.

އެ ދެ މީހުން ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ރިޓަޔާ ކުރައްވައިފައެވެ. އެހެންވެ އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ވަނީ އެސިސްޑެންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ހަމަ އެ ދުވަހު ހަމަޖައްސަވައިފައެވެ. އެ މަގާމުގައި އަދިވެސް ހުންނެވީ އޭނާއެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބުނަނީ، ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ހުސްވެއްޖެ ނަމަ، އެ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަންކުރަންވާނެ ކަމަށެވެ. އަދި އެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ޖެހެނީ ޕޮލިސް ބޯޑުން އެ ބޭފުޅެއްގެ މައުލޫމާތުތައް ވަޒަންކޮށް، ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަަށްވެސް ގާނޫނުގައި ބުނެފައިވެއެވެ. އަދި ގާނޫނު ބުނާގޮތުން އެ މަގާމަށް އައްޔަން ކުރެވޭނީވެސް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ބޭފުޅެކެވެ.

އެކްޓިން ކޮމިޝަނަރުގެ މަގާމަށް ފަރުހާދު އައްޔަން ކުރެއްވި އިރު، އޭނާއަކީ 10 އޯގަސްޓު 2021 ގައި ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ހަތް ބޭފުޅުން ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ނަމަވެސް ފަރުހާދު ވަކިކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ މައްސަލަ މިހާރު އޮތީ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.