މާލޭގެ މަގެއްގެމަތީގައި އޮތް ބުޅަލެއްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދު ތިން ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
މި މައްސަލާގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު މާލެއިން ހައްޔަރުކުރީ މ. ކޮޅުފުށީ/ ޖަވާހިރުވާދީ، އަހުމަދު ނަސީމް 45އ އެވެ.
ނަސީމުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު ދިނީ 15 ދުވަހެވެ. އެ މުއްދަތު ހަމަވުމުން، އޭނާގެ ބަންދަށް މި މަހުގެ ތިން ވަނަ ދުވަހު ވަނީ އިތުރު ދިހަ ދުވަސް ޖަހައިފައެވެ.
އެ މުއްދަތު އިއްޔެއަށް ހަމަވާތީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުން، އެ ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު ފަސް ދުވަސް އަނެއްކާވެސް ޖަހައިފައެވެ.
ނަސީމުގެ ބަންދު އަމުރުގައިވާ ގޮތުގައި އޭނާ ވަނީ އެ ބުޅަލަށް ހަމަލާދިނުމަށްފަހު އިތުރު ބުޅަލަކަށްވެސް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ޝަރީއަތަށް ފެންނާތީ ކަމަށް ވެސް އަމުރުގައިވެއެވެ.
ބަންދު އަމުރުގައި ނަސީމު ވަނީ، އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ބުނެފައެވެ. ފުލުހުން ވަނީ، އަންނަ ހަފުތާގެ ތެރޭގައި ނަސީމަށް ދައުވާކުރަން ފޮނުވޭވަރު ވާނެ ކަމަށް ބުނެފައެވެ.
ނަސީމު ބުޅަލެއްގެ ގަޔަށް ވަޅި ހަރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ޝަރީއަތުގައި އޭނާ ބުނީ ވީޑިއޯއަކީ މިހާރު ކޮންމެ މީހަކަށްވެސް ހެދިދާނެ އެއްޗެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަނީ ގެއެއްގެ ކައިރީގައި އޮށޯވެގެން އޮތް ބުޅަލަކަށް ނަސީމު ވަޅިން ހަމަލާ ދޭ މަންޒަރެވެ. އެ ހަމަލާގައި އެ ބުޅާ މަރުވެފައިވާއިރު، އެ ބުޅަލަކީ ބަނޑު ބޮޑު ބުޅަލެއް ކަމަށްވެއެވެ.
ގާނޫނުލް އުގޫބާތުގައިވާ ގޮތުން، އަނިޔާވެރިކަމާއެކު ޖަނަވާރަކާ މެދު އަމަލުކުރުމަކީ ކުށެކެވެ. އަދި އެ ކުށް ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު