މާދަމާއިން ފެށިގެން މީސްލްސް އަދި ރުބެއްލާއަށް ދޭ އެމްއާރު ވެކްސިން ދޭން ފެށުމަށް ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަހަރުގެ މެދު ތެރޭގައި ރާއްޖެއިން މީސްލްސް ފެނުމާ ގުޅިގެން އިތުރަށް އެ ބަލި ފެތުރުނަ ނުދިނުމަށްޓަކައި މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިނެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އެގޮތުން 18 މަހާއި 49 އަހަރާ ދެމެދުގެ ދިވެހިންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަނުވާ ފަރާތްތަކާއި ބިދޭސީންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައި،" އެޗްޕީއޭ އިން ބުންޏެވެ.

  • ދަމަނަވެށި - ކޮންމެ އަންގާރަ އަދި ބުދަ ދުވަހެއްގެ ހެނދުނު 8:30 އިން 10:00 އަށް
  • އޭޑީކޭ ހޮސްޕިޓަލް - ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 15:00 އިން 16:00 އަށް
  • ހުޅުމާލެ ހޮސްޕިޓަލް - ކޮންމެ އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހެއްގެ ހެނދުނު 9:00 އިން 11:00 އަށް/ ކޮންމެ ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގެ 13:00 އިން 15:00 އަށް
  • ޖީޕީ ކުލިނިކު (ހުޅުމާލެ ފޭސް ދޭއް، ހިޔާ 16) - ކޮންމެ އާދިއްތަ އަދި ބުދަ ދުވަހެއްގެ ހެނދުނު 9:30 އިން 11:30 އަށް/ ކޮންމެ ހޮނިހިރު ދުވަހެއްގެ 13:00 އިން 15:00 އަށް

މިއަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު މާލެ ސަރަހައްދުން ދިވެއްސަކު މީސްލްސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ކުރިން ބުނެފައެވެ. އެޗްޕީއޭ އިން ބުނެފައިވަނީ އެ ކޭސްއާ ގުޅިގެން ބެލި ބެލުމުން އެނގިފައިވަނީ އޭނާއަށް ބަލި ޖެހިފައިވަނީ ރާއްޖެއިން ބޭރުން (އިމްޕޯޓަޑް ކޭސް)އަކުން ކަމަށެވެ. އަދި ބަލި ޖެހުނު މީހާގެ ސިއްހީ ހާލަތު ހުރި ގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާ ކަމަށެވެ.

އެ ފަހުން އޮގަސްޓު މަހުގެ ހަ ވަނަ ދުވަހު އެޗްޕީއޭ އިން ބުނެފައިވަނީ އެ މަހުގެ ފަސްވަނަ ދުވަހު މީސްލްސްއަށް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކޭސްއަކީ ވެސް ރާއްޖެއިން ބޭރުން (އިމްޕޯޓަޑް ކޭސް) އެއް ކަމަށް އެޗްޕީއޭން ބުނެފައިވެއެވެ.

މީގެ އިތުރުން އެޕްރީލް މަހުގެ ތިންވަނަ ދުވަހު އެޗްޕީއޭ އިން ބުނެފައިވަނީ އައްޑޫ ސިޓީން ކުޑަކުއްޖަކު މީސްލްސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި 65 މީހަކު ދެނެގަނެވިފައިވާ ކަމަށާއި އެއިން އެއްވެސް މީހެއްގެ ގައިން ބަލީގެ އަލާމާތެއް ފެނިފައިނުވާ އެއިރު އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މީސްލްސްއަކީ ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް އިއުލާންކޮށްފައިވާ ބައްޔެއް ކަމަށް އެޗްޕީއޭ އިން އެފަހަރު ބުނެފައިވެއެވެ. މީސްލްސްއަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށް ކަނޑައަޅާފައިވާތީ، އެ ބަލީގެ އަލާމާތެއް ހުރެގެން ޑޮކްޓަރަށް ދައްކާ މީހުން ބައްޔަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމަކީ ސާވެލައިންސް މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތް ދޭ ތަނަކުން އަމަލުކުރަމުން އަންނަ އުސޫލު ކަމަށެވެ.

އެޗްޕީއޭ އިން މީގެ ކުރިން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ތިންވަނަ ދުވަހު ރާއްޖެއިން ވަނީ މީސްލްސް ޕޮޒިޓިވް ހަ ކޭސްއެއް ފެނިފައެވެ. މީސްލްސްގެ ކޭސްތައް ފެނުމާ ގުޅިގެން ޔުނިސެފުން ވަނީ ރާއްޖެއަށް 200،000 ވެކްސިން ޑޯޒު ހަދިޔާ ކޮށްފައެވެ.

އެ ފަހުން އެޗްޕީއޭ އިން ވަނީ "މަވެސް ޖަހައިފިން"ގެ ނަމުގައި މާލޭގައި މީސަލްސް ވެކްސިން ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ސައުތު އީސްޓް އޭޝިއާ ސަރަހައްދުގައި މީސްލްސް އަދި ރުބެއްލާ ނައްތައިލެވުނު ފުރަތަމަ ދެ ގައުމަކީ ރާއްޖެ އަދި ސްރީލަންކާ ކަމަށް ޑަބްލިއުއެޗްއޯގެ ރީޖަނަލް އޮފީސް ފޯ ސައިތު އީސްޓް އޭޝިއާ، ޑަބްލިއުއެޗްއޯ-އެސްއީއޭއާރުއޯ ކަނޑައަޅައި އެކަމުގެ ލިޔުން ދިވެހި ސަރުކާރާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.