އަންނަ 2024 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓް ދިރާސާކޮށް ބަޖެޓް ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވާފަައިވާ ގޮތަށް، 49.8 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރަން އެމްޑީޕީގެ ޕާލިމަންޓްރީ (ޕީޖީ) ގްރޫޕުން ތްރީލައިނެއް ވިޕެއް ނެރެފިއެވެ.
ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ބަޖެޓަށް ބަދަލު ގެނަސް ކޮމިޓީން ފާސްކޮށްފައި ވަނީ 49.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
ސަރުކާރުން ފޮނުވި ބަޖެޓަށް އެ ކޮމިޓީން ގެނައި އިސްލާހުތަކުގެ ސަބަބުން ވަނީ 306،109،915 ރުފިޔާނީ އިތުރުވެފައެވެ. އެހެންވެ ބަޖެޓު ވަނީ 49.8 ބިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.
ބަޖެޓަށް ކޮމިޓީން ގެނައި އިތުރު ބަދަލުތަކުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ގެނައި ބަދަލު ހިމެނެއެވެ. ސަރުކާރުން ވަނީ އެ މަޝްރޫއަށް 400 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފައެވެ. އެ މަޝްރޫއު ހުށަހަޅާފައިވަނީ ޕީއެސްއައިޕީ މަޝްރޫއެއްގެ ގޮތުގައެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އުނިކުރަން ޔައުގޫބު ހުށަހެޅި މަޝްރޫއުތަކުގެ ތެރޭގައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ހިމެނެއެވެ. ޔައުގޫބުގެ ހުށަހެޅުންތަކަށް ތާއީދުކުރެއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. އެއަށްފަހު ނެގި ވޯޓުގައި ބަޖެޓު ކޮމިޓީގެ މެމްބަރުން ވަނީ ޔައުގޫބުގެ ހުށަހެޅުންތައް އިއްތިފާގުން ފާސްކޮށްފައެވެ.
ޕީއެސްއައިޕީ ބަޖެޓުން ފުށިދިއްގަރުފަޅު އުނިކުރުމުން މުޅި ޕީއެސްއައިޕީ ބަޖެޓަށް އިތުރުވީ 248 މިލިއަން ރުފިޔާއެވެ. އެހެންވެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުކުރަން ހުށަހަޅާފައިވާ އަދަދަކީ މިހާރު 8.8 ބިލިއަން ރުފިޔާއެވެ.
ބަޖެޓު ކޮމިޓީން ވަނީ ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއިން ގެއްލުނުކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ކުރުމަށް އެޓާނީ ޖެނެރަލް އޮފީހުގެ ބަޖެޓުގައި 10 މިލިއަން ރުފިޔާ ހިމަނައިފައެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުގެ މެންބަރަކު މިއަދު ވަންއަށް ވިދާޅުވީ، ކޮމިޓީން ހުށަހަޅާފައިވާގޮތަށް ބަެޖތް ފާސްކުރަން މިއަދު ބޭއްވި އެ ގްރޫޕުގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު