މާލޭ ސިޓީއަށް މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ފޯމު ހުށަހަޅުއްވައިފައެވެ.
އާޒިމަށް އެމްޑީޕީގެ ޓިކެޓު ލިބިވަޑައިގެންނެވީ، އޭނާއާ ވާދަކުރައްވާނެ އިތުރު ކެންޑިޑޭޓެއް ނެތުމުންނެވެ.
އާޒިމް މިއަދު ވަނީ، އިލެކްޝަން ކޮމިޝަން (އީސީ) އަށް އޭނާގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފައެވެ.
މާލޭ ސިޓީއަށް މޭޔަރަކު ހޮވުމުގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 31 ވަނަ ދުވަހުއެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި. ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސް ކަމުގެ ހުވައި ކުރެއްވުމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު މޭޔަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މޭޔަރުގެ މަގާމުގެ އިތުރުން މާލޭ ސިޓީ ކައުންސިލުގެ އިތުރު ތިން މަގާމެއް އޮތީ ހުސްކޮށެވެ. އެއީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރާއި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާ އަލީ ސަލީމާއި މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް އިސްތިއުފާދެއްވުމުންނެވެ. އެބޭފުޅުން ވަނީ ރައީސް މުއިއްޒު ހުވައި ކުރެވުމަށް ފަހު ސަރުކާރުގެ މަގާމުތަކަށް ވަޑައިގެންފައެވެ.
އެ މަގާމުތަކަށް އެމްޑީޕީން ވާދަކުރައްވާ ތިން ކެންޑިޑޭޓުންވެސް ވަނީ އީސީއަށް މިއަދު ފޯމު ހުށަހަޅުއްވާފައެވެ. އެއީ މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ އަހުމަދު ރިޝްވާން ރަޝީދާއި ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާ ހައްވާ ނިހްލާގެ އިތުރުން މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ އަހުމަދު އިމްރާނެވެ.
އެ މަގާމުތަކުގެ އިތުރު 18 ރަށެއްގެ ކައުންސިލު މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ ބައި އިލެކްޝަންވެސް އޮންނާނީ އަންނަ މަހުގެ 31 ވަނަ ދުވަހުއެވެ.
މާލޭގެ މޭޔަރުކަމަށް އާޒިމް ފޯމު ހުށަހެޅުއްވިއިރު، ދަ ޑިމޮކްރެޓްސްއިން މުހައްމަދު ސައިފް ފާތިހު އާއި ޕީޕީއެމް-ޕީއެންސީން ކުރީގެ އެޓާނީ ޖެނެރަލް އައިޝަތު އާޒިމާ ޝަކޫރާއި ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީއެންއެފްއިން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުވެސް ވަނީ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމައިވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު