ސަތޭކަ އެމެރިކާ ޑޮލަރުގެ ވަގު ނޫޓު ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިއްޖެއެވެ.
އެމްއެމްއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދައުރުވަމުންދާ ނޫޓުތަކަކީ 1996 އިން 2016 ވަނަ އަހަރާ ދެމެދުގެ ތާރީހުގެ ތެރޭގައި ޕްރިންޓްކޮށްފައިވާ، ހުދު ބޯޑަރު ހިމެނޭ ޑޮލަރުގެ ނޫޓުތަކެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ވަގު ނޫޓުތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި:
- ސައްހަ ނޫޓާއި ތަފާތު ކަރުދާހެއްގައި ޕްރިންޓްކޮށްފައި ހުރުން
- ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ކަނާއަތްފަރާތުގައި ފެންނަން ހުންނަ ބެންޖަމިން ފްރެންކްލިންގް ފޮޓޯ ހިމެނޭ ވޯޓާ މާކު ސައްހަ ނޫޓާ ތަފާތުކޮށް ހުރުން
- ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ވައަތްފަރާތުން ފެންނަން ހުންނަ "ޔޫއެސްއޭ 100" ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެފަރާތުން ފެންނަން ނެތުން
- ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގައި ދިއްލިފައި ހުންނަން ޖެހޭ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެ ފަރާތުން ދިއްލިފައި ނެތުން
- ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގެ މޫނުމަތީގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަންޖެހޭ ސެކިއުރިޓީ ފައިބަރު ނެތުން
- ނޫޓުގެ ކަނާއަތް ފަރާތުން ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު ނޫޓު އަރިކުރުމުން ކުލަ ބަދަލު ނުވުން
ސަތޭކަ ޑޮލަރުގެ ވަގު ނޫޓުތަކެއް ދައުރުވާތީ އެމްއެމްއޭ އިން ވަނީ އެފަދަ ނޫޓު ބަލައިގަތުމުގައި ސަމާލުވުމަށާއި ބަލައިގަނެވޭ ނޫޓުގެ ސައްހަ ކަމާމެދު ޝައްކުކުރެވޭ އެއްވެސް ނޫޓެއް ފެނިއްޖެ ނަމަ، އެ އޮތޯރިޓީއަށް ގެނެސް އެ ނޫޓެއްގެ ސައްހަކަން ޔަގީން ކުރުމަށް އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު