ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް، "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ޕްލެޖިން ޓްރީ ސެޝަން"ގައި، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއިން ވައުދުވާ ކަންކަން ހިމެނޭ ބަޔާން އިއްވަވައިފިއެވެ.

ސްވިޒަލެންޑްގެ ޖެނީވާގައި މިއަދު ބޭއްވި އެ ހަރަކާތުގައި ރާއްޖެއިން ވަނީ ފަސް ކަމަކަށް ވައުދުވެފައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ ސަގާފަތް އާލާކުރުމަށްޓަކައި، އެ ދާއިރާއިން މީހުން ބިނާކުރުމަށް މިހާރުގެ ސަރުކާރުން ދޭ އަހަންމިއްޔަތުކަން ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ހުސައިން ވަނީ، އިންސާނީ ހައްގުތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ އޮނިގަނޑުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ދެމެހެއްޓުމަށާއި، ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރާ ގޮތާ މެދު މައުލޫމާތު ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށާއި، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ އެކިއެކި ނިޒާމުތަކާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށް މިހާރުގެ ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާނެ ކަމަށް ރާއްޖޭގެ ފަރާތުން ވައުދުވެވަޑައިގެންފައެވެ.

އޭގެ އިތުރުން، މުޖުތަމައުގައި ފަރުދީގޮތުން އަދާކުރާ ދައުރާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގައި އަންހެނުންނާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ރާއްޖެއިން ވައުދުވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއްވެސް ކުއްޖެއް ބާކީނުކޮށް ހަމަހަމަ ގޮތެއްގައި ތައުލީމު ހޯދުމަށް މަގުފަހިކޮށްދިނުމަށާއި ކުޑަކުދިންގެ ރައްކާތެރިކަމަށް ގައުމީ ފެންވަރުގައި އެކަށައަޅާފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށްވެސް ރާއްޖެއިން ވައުދުވާ ކަމަށް ވިދާޅުވިއެވެ.

އެންމެފަހު ވައުދެއްގެ ގޮތުން ނައިބު ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދިވެހިންގެ އިންސާނީ ހައްގުތަކާ ގުޅިލާމެހިފައިވާކަން ފާހަގަކުރައްވައި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ދިވެހިންގެ މުސްތަގުބަލު ކަށަވަރުކުރުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެކަން ފާހަގަކުރައްވައިފައެވެ.

މެންބަރު ގައުމުތަކުން މާނަހުރި ކަންތައްތަކެއް ކުރުމަށް ބާރު އެޅުމުގެ ގޮތުން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެ ކެމްޕެއިންގައި، 100 އަށްވުރެ ގިނަ މެންބަރު ގައުމުން ވަނީ އެ ގައުމުތަކުން ވައުދުވާ ކަންކަން ހުށަހަޅައިފައެވެ.

ސްވިޒަލެންޑްގެ ޖެނީވާއަށް ނައިބު ރައީސް ވަޑައިގެންފައިވަނީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިއްޔެ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށެވެ.