މައިކްރޮސޮފްޓާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ވިޔަފާރިތަކަށް މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަންތައް މިއަދު ތައާރަފުކޮށްފިއެވެ.

އެ ސޮލިއުޝަން ތައާރަފުކުރީ އިއްޔެ އުރީދޫގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އުރީދޫން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސްގެ އޮފާއަކީ ހަރަދުކުޑަ ގޮތެއްގައި ވިޔަފާރިތައް ހިންގުމަށް ކުރަންޖެހޭ މުއާމަލާތްތަކާއި މަސައްކަތްތައް ސްޓްރީމްލައިން ކުރެވޭ އެންޓަޕްރައިޒް ގްރޭޑްގެ ޕްރޮޑަކްޓިވިޓީ ޓޫލްސްގެ ފުރިހަމަ ސުއިޓެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދުއަލް ހަމާދީ ވިދާޅުވީ އުރީދޫގެ މަގުސަދަކީ އެ ކުންފުނީގެ އިންޓަނޭޝަނަލް ޕާޓްނަރުންގެ ބޭނުންހިފައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މުޖުތަމައުތަކުގެ ދިރިއުޅުން އަޕްގްރޭޑްކޮށް އާ ފުރުސަތުތެއް ހޯދައިދިނުން ކަމަށެވެ.

"މައިކްރޮސޮފްޓާއެކު ވެފައިވާ ޕާޓްނާޝިޕަކީ ދެމެހެއްޓެނިވި ޑިޖިޓަލް ދިވެހިރާއްޖޭއެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭ ޕާޓްނާޝިޕެއް. މި ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ ސަބަބުން އުރީދޫ މެދުވެރިކޮށް ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަންތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މަގުފަހިވެގެންދާނެ" ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާ ވިދާޅުވީ މައިކޮރްސޮޕްޓާއެކު ހެދި އެ ޕާޓްނާޝިޕަކީ ވިޔަފާރިތައް ކުރިއެރުމަށް މަގުފަހިކޮށްދޭ ފުރިހަމަ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމަށް އުރީދޫން މަސައްކަތްކުރާ ކަމުގެ ހެއްކެއް ކަމަށެވެ.

"މައިކްރޮސޮފްޓާއެކު އަޅުގަނޑުމެންގެ މި ޕާޓްނާޝިޕަކީ އުރީދޫގެ މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތްތަކާއެކު މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ޕްލޭންތަކުގެ ސަބަބުން ވިޔަފާރިތަކުގެ ޕްރޮސެސްތަކާއި ކޯލަބްރޭޝަން އިތުރަށް ސްޓްރީމްލައިން ކުރެވި އިތުރަށް ހަރުދަނާ ވެގެންދާނެ. 24 ގަޑިއިރުގެ ސަޕޯޓާއި ވަރުގަދަ ސެކިއުރިޓީ ފީޗާސްތަކާއެކު ލިބޭ މި ހިދުމަތް އުރީދޫ މެދުވެރިކޮށް ނަންގަވާ ވިޔަފާރިތަކަށް ފަސޭހަ އަދި ލުއި ޕޭމަންޓް އޮޕްޝަންތައް ފަދަ ފައިދާތައް ލިބިގެންދާނެ" އޭނާ ވިދާޅުވިއެވެ.

އުރީދޫން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ޕްލޭންތަކަކީ ރާއްޖޭގެ ވިޔަފާރިތަކުގެ މަސައްކަތްތަކާއި މުއާމަލާތްތައް ފަސޭހަކަމާއެކު ޑިޖިޓަލް ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭންތަކެެއް ކަމަށެވެ.

އެ އޮފާއާއެކު ބިޒްނަސް އީމެއިލް، ކޯލަބްރޭޝަންޓޫލްސް، އޮންލައިން ސްޓޯރޭޖް އަދި ކްލައުޑް ސޮލިއުޝަންތައް ހިމެނޭއިރު، ޒަމާނީ ފެންވަރުގެ ސެކިއުރިޓީ ފީޗާތަކާއި 24 ގަޑިއިރުގެ ސަޕޯޓް ދިވެހި ބަހުން ލިބިގެންދާނެއެވެ.

މީގެ އިތުރުން ވިޔަފާރިތަކަށް ފަސޭހަ ކަމާއެކު ގިނަ ޑިވައިސްތަކަކުން މުވާސަލާތީ ކަންކަން ބެލެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީ، މަސައްކަތްކުރާ ފަރާތްތަކަށް ދުރުގައި ތިބި ނަމަވެސް ފަސޭހަ ކަމާއެކު ވަގުތުން ގުޅިގެން މަސައްކަތް ކުރެވެއިރު، ކްލައުޑްގެ މެދުވެރިކޮށް ހުރިހާ އެޕްލިކޭޝަނެއްގެ އެންމެފަހުގެ އަޕްޑޭޓްތައްވެސް ވިޔަފާރިތަކަށް ލިބިގެންދާނެއެވެ.

އުރީދޫން ބުނީ، މައިކްރޮސޮފްޓްގެ މެއިންޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މެދުވެރިކޮށް މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސްގެ ހިދުމަތްތައް ހޯދުމަށް ބޭނުންވާ ވިޔަފާރިތަކަށް ޕާ-ޔޫޒާ މަންތްލީ ސަބްސްކްރިޕްޝަނެއް ލިބޭނެ ކަމަށެވެ. އަދިލޯކަލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ވިޔަފާރިތަކަށް ފަސޭހަ ކަމާއެކު ފައިސާ ދެއްކޭނެ ކަމަށްވެސް ބުންޏެވެ.

މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަންގެ އިތުރު މައުލޫމާތު [email protected] މެއިލްކުރުމުން ލިބެން ހުންނާނެ ކަމަށްވެސް އުރީދޫން ބުންޏެވެ.