ގްރޭޑް 10 އިން މަތީގެ ގްރޭޑްތަކުގެ ދަރިވަރުން އިމާމުވެ، ހުކުރު ނަމާދު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

މާމުންނާއި ހަތީބުންގެ ޒުވާން ޖީލެއް އުފެއްދުމަށް އިސްލާމިކް މިނިސްޓްރީން ގެންގުޅޭ ސިޔާސަތުގެ ދަށުން ގްރޭޑް 10، 11 އަދި 12 ގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުން އިމާމުވެ، ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީ ނިންމީ އިއްޔެއެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެކަމަށް އެ ހުއްދަ ދެނީ، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ގުރުއާން ކިޔަވައި، ނަމާދުގެ ފިގުހުގެ ބައިތަކަށް އަހުލުވެރިފައިވާ ދަރިވަރުންނަށް ކަމަށެވެ. އެކަމަށް ކުރިމަތިލުމަށް ހުޅުވާލީ، އިސްލާމިކް މިނިސްޓްރީގެ އިލެކްޓޯރޯނިކް ފޯމު މެދުވެރިކޮށެވެ.

  • އައިޑީކާޑުގެ ކޮޕީ
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ގްރުއާން މުބާތުން ވަނަ ލިބިފައިވާ ނަމަ، ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސްކޫލުގައި އުޅޭ ނަމަ ލިޔުން
  • ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން (18 އަހަރު ފުރިފައި ނުވާ ނަމަ).

އިސްލާމިކް މިނިސްޓްރީން ބުނީ އެކަމަށް ޝައުގުވެރިވާ ދަރިވަރުން އަންނަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.