ރާއްޖެއަށް އެންމެ ބޮޑު އާމުދަނީއެއް ލިބޭނެ ސިނާއަތަކީ މަސްވެރިކަންކަމުގައި ހެދޭނެ ގޮތަށް ތަރައްގީ ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ފިޝަރީޒް މިނިސްޓްރީން އިންތިޒާމު ކޮށްގެން ރޭ ބޭއްވި "މަސްވެރިންގެ ގުންޒަރު 2023"ގައި ބައިވެރިވެވަޑައިގެން މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވިސްނުންފުޅު ހުރީ މަސްވެރިކަން ވަރަށް ކުރިއަށް ގެންދެވުމަށް ކަމަށާއި އެގޮތުން ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަހައްދަކަށް މަސްވެރިކަން ފުޅާކުރައްވާނެ ކަމަށެވެ. އަދި މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖް ފަދަ ވަސީލަތްތައް ގިނަ ކުރެއްވުމާއި މަހުގެ އުފެއްދުންތައް އިތުރުކުރެއްވުމަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވެފައިވާ ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ލިބޭ ބޭރުގެ އެހީތަކުގެ ތެރެއިން ބައެއް، މަސްވެރިކަން ތަރައްގީކުރުމަށް ހޭދަކުރައްވާނެ ކަަމަށެވެ.