އަންނަ އަހަރުގެ ގައުމީ ގުރުއާން މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ ތެރޭގައި ހުޅުވާލުމަށް ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ނިންމައިފިއެވެ.

ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ނެރުނު އިއުލާނެއްގައި ބުނީ، ގައުމީ ގުރުއާން މުބާރާތް އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށާއި މިމަހުގެ 17 އިން އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެ މުބާރާތުގައި ރަޖިސްޓްރީވުމަށް ހުޅުވާލާނެ ކަމަށެވެ.

އެ މުބާރާތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ ހާފިޒުން، ސްކޫލު ކުދިން އަދި ވަކިވަކި މުއައްސަސާތަކުގެ ބައެވެ. އެ މުބާރާތުގެ ކިޔެވުން ތިން ބަޔަކަށް ކުރިއަށްގެންދާ އިރު، އެއީ ފޮތުން ކިޔެވުމުގެ ބަޔާއި ހިތުން ކިޔެވުމުގެ ބައިގެ އިތުރުން، ހާފިޒުންގެ ބައެވެ.

އެ މުބާރާތުގެ އިތުރު މައުލޫމާތު އެ މަރުކަޒުގެ ވެބްސައިޓް chq.gov.mv ލިބެން ހުންނާނެ ކަމަށްވެސް ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ނެރުނު އިއުލާނުގައިވެއެވެ.

  • ދިވެހިންގެ ހިތްތަކުގައި ކީރިތި ގުރުއާން ކިޔެވުމާ މެދު ލޯބިޖައްސައި، ގުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތް ކުރުން
  • ކީރިތި ގުރުއާން ކިޔެވުމަށާއި، ހިތުދަސްކުރުމަށާއި ކީރިތި ގުރުއާން ކިޔަވައިދިނުމާއި އުނގަންނައިދިނުމަށް ހިތްވަރު ދިނުން
  • ކީރިތި ގުރުއާން ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުން
  • ކީރިތި ގުރުއާން ރީތިކޮށް ކިޔެވުމުގައި ދިވެހިންގެ މެދުގައި ވާދަވެރިކަން އުފެއްދުން
  • ގާރީންނާއި ހާފިޒުން އުފައްދަން ބާރު އެޅުމާއި ހިތްވަރުދިނުން، ކީރިތި ގުރުއާން ރައްކާތެރިކުރުމަށް މަސައްކަތް ކުރުން
  • ބައިނަލްއަގުވާމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިންގެ އާރެއް އުފެއްދުން
  • ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ގާއިމުކުރުމަށާއި އެކަމުގެ ރޫހު އަށަގެންނެވުން
  • ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރު އެޅުން
  • ދިވެހި ރައްޔިތުންނަށް ގުރުއާން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތުދީ، ކީރިތި ގުރުއާނަށް ހިތްޖެއްސުން