ފުވައްމުލަކު ސިޓީ މަގުމައްޗަށް ވެއްޓިފައި އޮތް ކުޑަކުއްޖަކު ރޭ ދަންވަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ރޭ ދަންވަރު 3:40 ހާއިރު އެ ކުއްޖާ ފެނުނީ ފުވައްމުލަކު މާލެގަން ބަހާރު މަގާއި ގާޒީ މަގު ގުޅޭ ހިސާބުން ސައިކަލަކާއެކު ވެއްޓިފައި އޮއްވައި ކަމަށެވެ. އަދި އެ ކުއްޖާ ފެނުނީ ފުލުހުން ޕެޓްރޯލް ކުރުމުގެ ތެރޭގައި ކަމަށް ބުންޏެވެ.
އުމުރުން 14 އަހަރުގެ އެ ކުއްޖާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ ޑިރެކްޓަރު ފާތިމަތު ނައީމާ "ވަން" އަށް މިއަދު ވިދާޅުވީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ރޭ ދަންވަރު 3:50 ހާއިރު ކަމަށެވެ. އަދި އެ ކުއްޖާގެ ވާއަތު ފައި ބިނދިފައިވާ ކަމަށް އެކްސްރޭ އިން ދައްކާ ކަމަށާއި، އެތެރެހަށީގެ ގުނަވަންތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ކޮންމެވެސް ވަރަކަށް އިންޓާނަލް ބްލީޑިން ހުރި ކަމަށް ފާހަގަވެފައިވާ ކަމަށް ވިދާޅުވިއެވެ.
ނައީމާ ވިދާޅުވީ ކުއްޖާގެ ހެޔަށް ގޮތެއް ނުވާ ކަމަށާއި ލިބިފައި ހުރި އިތުރު އަނިޔާތައް ދެނެގަތުމަށާއި ފަރުވާ ދިނުމަށް މިވަގުތު އެކުއްޖާ އޮތީ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު