ގާޒާގައި ހުންނަ އެންމެ ދުވަސްވީ މިސްކިތަށް ބޮން އަޅައި ފުނޑުފުނޑު ކޮށްލައިފިއެވެ.

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންގެންދާ ހަނގުރާމައިގައި މިހާތަނަށް ގާޒާގެ އާސާރީ ގިނަ ތަންތަނަކަށް ބޮން އަޅައި، އެ ތަންތަން ނައްތާލާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އިސްރާއީލުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގާޒާގައި ހުންނަ އެންމެ ގިނަ ދުވަސްވީ އަދި ގާޒާގައި ހުންނަ މިސްކިތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް މިސްކިތް ކަމަށްވާ އުސްމާން ބިން ގަޝްގަރު މިސްކިތަށް ބޮން އަޅައި އެ މިސްކިތް ފުނޑުފުނޑު ކޮށްލައިފައެވެ.

ހިޖުރައިން 620 ވަނަ އަހަރު ބިނާކޮށްފައިވާ އެ މިސްކިތަކީ ގާޒާގައި ހުންނަ ގަދީމީ ބިނާތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބިނާއެކެވެ.

ފަލަސްތީނުގެ ކަލްޗާ މިނިސްޓްރީން ވަނީ ގާޒާ ސިޓީގެ މުހިންމު ދުވަސްވީ ބިނާތައް އިސްރާއީލުން ހަލާކުކޮށްލާފައިވާ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ފައްޅިތަކާއި މިސްކިތްތަކުގެ އިތުރުން ދާރުލްއާސާރުތައް ވެސް ހިމެނެއެވެ.