އުތުރުން ހުސްކުރާ ގޭސްފުޅި މާލެ ނުގެނެސް، ރީފިލް ކުރެވޭނެ ގޮތެއް ހޯދުމަކީ އަމާޒެއް ކަމަށް މޯލްޑިވް ގޭސްގެ އާ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ޕީސީބީ ބޯޑުން މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ މުހައްމަދު އައްޔަންކުރެއްވީ މިދިޔަ ހަފުތާއެވެ. މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު "ވަން" އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ވަނީ އެމްޑީގެ ހައިސިއްޔަތުން ކުންފުނި ކުރިއަރުވަން ކުރައްވަން ވިސްނަވާ ކަންކަން ހިއްސާކުރައްވައިފައެވެ.
އަބްދުﷲ ވިދާޅުވީ އަމާޒަކީ ކުންފުންޏަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ރައްޔިތުންނަށް އަދި ކުންފުންޏަށްވެސް އެންމެ ފައިދާހުރި ގޮތަކަށް މަސައްކަތްކުރުން ކަމަށެވެ. އަދި އިތުރު ޕްރޮޑަކްޓުތަކުގެ ދިރާސާތައް ހަދައި، އެއީ ރާއްޖޭގައި ވިއްކޭނެ ޕްރޮޑަކްޓުތަކެއްތޯ ބެލުމަށް ފީސިބިލިޓީ ދިރާސާތައް ހެދުމުގެ ޕްލޭންތައް ގެންގުޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ހަގީގަތުގައި ހއ ނުތަވަ އައްޑޫއިން ގޭސްފުޅިއެއް ހުސްވީމަ ހުސްފުޅި ދޯންނަށް ލައިގެން އައިސް މާލެއިން އެ ރީފިލް ކޮށްގެން އަނެއްކާ އެ ރަށަށް ގެންދަން ޖެހޭނެ ކަމަކަށް. މި ޒަމާނުގައި ވަސީލަތްތައް އެއަށްވުރެ ފަސޭހަކޮށް، ހަލުވިކޮށް މިހުރީ. އަޅުގަނޑުގެ އަމާޒެއް މިއީ ހަމަ ކުރިއަށްއޮތް ތަނުގައި އެ ސަރަހައްދަކުން ވީހާވެސް ފަސޭހަ ގޮތަކަށް މި ހިދުމަތް ދެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުން،" އަބްދުﷲ ވިދާޅުވިއެވެ.
އެ އަމާޒަށް ވާސިލުވުމަށް ކުންފުނިން ކުރަން ވިސްނާ ކަންތައްތައް "ވަން"އާ ހިއްސާކުރައްވަމުން އަބްދުﷲ ވިދާޅުވީ ގދ. ތިނަދޫގައި ހަދާފައި ހުރި އެ ކުންފުނީގެ ސިސްޓަމް އޮޕަރޭޝަނަށް ގެނައުމަކީ ކުރެވެން އޮތް ކަމެއް ކަމަށެވެ.
"ތިނަދޫގައި މިހުރީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ސިސްޓަމެއް ގާއިމުކުރެވިފަ. ތިލަފުށިގައި އެ ހުރި ސިސްޓަމަށްވުރެ ރަނގަޅު ނިޒާމެއް އެ ހުރީ. ވަރަށް ބޮޑު ހޭދައެއްވެސް ކުރެވިފަ ހުރީ. އެހެންނަމަވެސް އޮޕަރޭޝަނަށް ނުގެނެވިފަ އެ ހުރީ އެކަމުގެ އިދާރީ ބައެއް މަސައްކަތްތައް ނުކުރެވުމާއި، ތިނަދޫގެ ލޭންޑް ޔޫސް ޕްލޭނަށް އައި ބަދަލަކާ ގުޅިގެން އަޅުގަނޑުމެންނަށް އެބަހުރި ވަރަށް ބޮޑެތި ގެއްލުންތަކެއް. އެހެންނަމަވެސް ތިނަދޫގެ އަޅުގަނޑުމެންގެ މަރުކަޒު އޮޕަރޭޝަނަށް ގެނެވިއްޖެއްޔާ ދެކުނަށް ހިދުމަތް ދިނުމުގައި، ދެކުނުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަތަކެއް ލިބިގެންދާނެ،" އަބްދުﷲ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ ތިނަދޫގައި ހުރީ ތިލަފުށީގައި ހުރި ސިސްޓަމްތަކަށްވުރެ ވަރުގަދަ ސިސްޓަމްތަކެއް ކަމަށެވެ. ނަމަވެސް ފަސް އަހަރުވަންދެން އެތަން ހުއްޓިފައި ހުރުމުގެ ސަބަބުންވެސް އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށާއި އެތަނަށް ގޮސް ހާލަތު ވަޒަންކުރުމަށް ފަހު ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ.
އެގޮތުން އެތަން އޮޕަރޭޝަނަށް ގެނައުމަށް ކުރަންހުރި މަސައްކަތްތަކާއި ހިނގާނެ ހަރަދު ދެނެގަނެ، އިތުރު ފައިނޭންސް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އުންމިދަކީ ކައިރި މުސްތަގުބަލެއްގައި، ވަރަށް އަވަހަށް އެތަން އޮޕަރޭޝަނަށް ގެނައުން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު