ސިޔާސަތު ކަނޑައެޅުމުގައި މިންތީގެ ހަމަހަމަކަމަށް ވިސްނައި ލިބެންހުރި މައުލޫމާތުގެ ފުރިހަމަ ބޭނުން ހިފުމަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެވެ.

"ޖެންޑާ ޑޭޓާ ޔޫސް އިން ޕޮލިސީ މޭކިން ވެލިޑޭޝަން އެންޑް އެޑްވޮކަސީ ވޯކްޝޮޕް'ގައި މިއަދު ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ މި ވަގުތަކީ މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން، ލިބެންހުރި މަޢުލޫމާތުތައް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް އާ ސިޔާސަތުތައް އެކުލަވައިލުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށެވެ. އަދި ގައުމުގެ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތްތައް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދެވުމަށް ރައީސް މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ސިޔާސަތު ކަނޑައެޅުމުގައި މިންތީގެ ހަމަހަމަކަމަށް ވިސްނައި ލިބެންހުރި މައުލޫމާތުގެ ފުރިހަމަ ބޭނުން ހިފުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ، މެޑަމް ސާޖިދާ ވަނީ ސިޔާސަތުތަކާއި ގަވާއިދުތަކާއި ގާނޫނުތައް އެކުލަވާލާ އިރު، ރައްޔިތުންގެ އުންމީދުތަކާ މެދު ވިސްނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވައިލައްވައިފައެވެ.

މި ސަރުކާރުން މިންތީގެ ހަމަހަމަކަމަށް ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހަމައެކަނި މިންތީގެ ހަމަހަމަ ކަމަށް މަސައްކަތްކުރުން ނޫން ކަމަށާއި، ހަމަ އެއާއެކު ސަރުކާރުގެ މަގުސަދަކީ ގައުމީ ތަރައްގީގެ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ކަމުގައެވެ. އަދި އިގުތިސާދީ ދާއިރާގައި އޮންނަ އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، ސިޔާސީ ދާއިރާއާއި ރައްޔިތުންނަށް އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭ އެއް ދާއިރާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މިއަދު ކުރިއަށްދިޔަ މަސައްކަތު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އަދި ޕާޓްނާޝިޕް އިން ސްޓެޓިސްޓިކްސް ފޯ ޑިވެލޮޕްމަންޓް އިން ދަ ޓުވެންޓީ ފަސްޓް ސެންޗަރީ (ޕީއޭއާރުއައިއެސް21) އާ ގުޅިގެން ކޮށްފައިވާ ދިރާސާގެ އަލީގައި، ރާއްޖޭގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަރުހަލާގައި މިންތީގެ ހަމަހަމަ މައުލޫމާތު ހިމެނުމުގެ މުހިންމުކަމުގެ މައްޗަށެވެ.