މުވައްޒަފުން ހަޅުތާލު ކުރުމުގެ ހައްގު ހަނިކޮށް ހަދާފައިވާ ގަވާއިދަކީ ގާނޫނުއަސާސީއާ ހިލާފު ގަވާއިދެއް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.

މީގެ 12 އަހަރު ކުރިން ސަރުކާރުން ހަދާފައިވާ، "ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގެ ގަވާއިދު" އޮންނަ ގޮތުން މުވައްޒަފުންނަށް ހަޅުތާލު ކުރެވޭނީ ސުލްހަވެރިކަމާ އެކު މަޝްވަރާ ކުރުމަށް ފަހު އަދި ލޭބާ ރިލޭޝަންސް އޮތޯރިޓީ މެދުވެރިކޮށްގެން ވެސް ހައްލެއް ނުލިބިއްޖެ ނަމައެވެ.

އެ ގަވާއިދު އެހެން އޮތުމުން މަސައްކަތްތެރީންގެ ހައްގުތައް ހަނިވާ ކަމަށް ބުނެ އެ ގަވާއިދު ބާތިލްކުރަން މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އާއި މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބެލުމަށް ފަހު އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބުނީ، ހަޅުތާލުކުރުމަކީ އަސާސީ ހައްގެއް ކަމަށާއި އެހެންކަމުން ގާނޫނަކަށް ވުރެ ފުޅާކޮށް ގަވާއިދެއްގެ ދަށުން އަސާސީ ހައްގުތައް ހަނި ކުރުމަކީ ގާނޫނު އަސާސީ ހިލާފު ކަމެއް ކަމަށެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލް ފާސްކުރެވެންދެން އެ ގަވާއިދަށް އަމަލު ކުރެވޭނެ ކަމަށް ނިންމައިދޭން ދައުލަތުން އެދިފައިވާ އިރު، އެފަދަ އަމުރުތައް ނެރުމުގެ ބާރު ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ނެރެވިދާނެ ކަމަށްވެސް ހުކުމުގައިވެއެވެ. އެހެންވެ، އެ ގަވާއިދު، ގާނޫނު އަސާސީއާ ހިލާފު ކަމަށް ކަނޑައަޅައި، އެ ހުކުމަށް އަމަލު ކުރުން މިއަދުން ފެށިގެން ހަ މަސް ދުވަހަށް ވަނީ ފަސްކޮށްފައެވެ.

މި މައްސަލަ ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހަސަން މަޒީދެވެ.

އެ މައްސަލައިގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި މުހައްމަދު ސަލީމާއި އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.