އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ފާސް ކުރުމުގެ މަސައްކަތް ނިންމުމަށްޓަކައި، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު މި ޑިސެމްބަރު މަހުގެ 18 އަށް ދަންމާލުމަށް މިއަދު ވޯޓަށް އަހަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަަސްލަމް ވިދާޅުވީ، ދައުލަތުގެ ބަޖެޓް ހިމެނޭގޮތުން މިއަހަރު މަޖިލީހުން ނިންމަންޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރުމުން އެކަންތައްތައް ނިންމުމަށްޓަކައި މިހިނގާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު މިމަހުގެ ހަތްވަނަ ދުވަހަށް އިތުރު ކުރުމަށް ހުސްވި ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 26 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ މުއްދަތަށްވެސް އެ މަސައްކަތްތައް ނިންމިފައިނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މަޖިލިސް ގަވާއިދުގެ 214 ވަނަ މާއްދާގެ (ހ)ގައި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މަސައްކަތް ނިންމައި ހިނގަމުންދާ ދައުރު ނިމުމުގެ ހަތް ދުވަސް ކުރިން ބަޖެޓާ ބެހޭގޮތުން މަޖިލީހުން ގޮތެއް ނިންމުމަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާ އިރު، މިއަދާ ހަމައަށްވެސް އެކަން އެގޮތަށް ހުށަހަޅައި މަސައްކަތްތައް ނިންމިފައި ނުވާ ކަމަށެވެ.
އެހެންކަމުން ބަޖެޓް ހިމެނޭގޮތުން ދެން ހުރި މުހިއްމު މަސައްކަތްތައް ނިންމުމަށްޓަކައި، މަޖިލިސް ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މިހިނގާ ތިންވަނަ ދައުރު މި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހަށް އިތުރު ކުރުމަށް މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 24 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ ޖަލްސާތައް ބެހިގެން ވަނީ ތިންވަނަ ދައުރުގެ މައްޗަށް ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ މެއި މަހުގެ 16 ވަނަ ދުވަހުން ޖޫން މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރަކީ އޯގަސްޓް މަހުގެ 16 އިން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުށަހެޅި ބައެއް ކަންތައްތަކާ އެކު ހުސްވި އޮކްޓޫބަރު މަހުގެ ތެރޭގައި އޭރު އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅިއެވެ.
ނަމަވެސް އެ ބަޖެޓްގެ މަސައްކަތް މަޖިލިސް ތަޅުމުގައާއި ބަޖެޓް ކޮމިޓީގައި ހިނގަމުން ދަނިކޮށް، މިހާރު އޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އާ މިނިސްޓްރީތައް ހިމެނޭ ގޮތުން ސަރުކާރަށް އިތުރުކޮށްފައިވާ ވުޒާރާތަކަށް ބަޖެޓް އެޖެސްޓްކޮށް، ބަޖެޓަށް އިތުރުކުރާ ބަޔާއެކު ކަމާބެހޭ ހުށަހެޅުންތައް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ހުށަހަޅަން ވަގުތު ބޭނުންވާތީ، އެ ވަގުތު ދިނުމަށްޓަކައި މި ވަގުތަށް މަޖިލީހުން ވަނީ ބަޖެޓްގެ މަސައްކަތްތައް ހުއްޓާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު