ރާއްޖެއާއި މޮރިޝަސް ދެމެދު މެރިޓައިމް ބައުންޑަރީ ކަނޑައެޅުމާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ކުރި ހުކުމް، އިސްތިއުނާފުކުރުމުގެ ކަންކަން އަދި ވަޒީރުންގެ މަޖިލީހަށް ހުށަހެޅިފައިނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު ރައީސް އޮފީހުގައި އެ މަނިކުފާނުގެ ކެބިނެޓާއެކު ބައްދަލުވުމެއް ބާއްވަވައިފައެވެ. އެ ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، އިޓްލޮސް ހުކުމުގެ ކަންކަން އީދާރީ ލެވެލްއެއްގައި އެޓާނީ ޖެނެރަލް އަދި ފޮރިން މިނިސްޓްރީން ކުރިއަށްގެންދާ ކަމަށެވެ. އެ މައްސަލަ ދިރާސާކުރުމަށްފަހު، ތައްޔާރުކުރާ މައުލޫމާތު ކަރުދާސް ވަރަށް އަވަހަށް ނޫސްވެރިންނާ ހިއްސާ ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މި މައްސަލަ އަދި އަޅުގަނޑުމެންނަށް ކެބިނެޓަށް ގެންނާނަން،" ރައީސް ވިދާޅުވިއެވެ.
އިޓްލޮސްގެ ހުކުމް އިސްތިއުނާފުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިޓްލޮސް އިން މައްސަލަ ނިންމީ މިއަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.
މޮރިޝަސް އިން ހުށަހަޅާފައިވަނީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތުކުރީ ޗާގޯސް އާކިޕެލެގޯގެ އައްޑުއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އެ މިން ފަށަން ޖެހޭނީ އައްޑުއާ އެންމެ ކައިރިއަށް އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ކަމަށެވެ.
ނަމަވެސް ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. ރާއްޖޭން ބުނަމުން ދިޔައީ އެއީ ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ ފަރެއް ކަމަށާއި އެ ފަރަކީ ބޮޑު ދިޔައިގައި ވެސް ފެނުން މަތީގައި އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި އެއީ ޗާގޯސްގެ ސީދާ ބައެއް ވެސް ނޫން ކަމަށާއި އެ ފަރުން ފެށިގެން 200 ނޯޓިކަލް މޭލު ބަލާ ނަމަ، މޮރިޝަސްއަށް ނުހައްގުން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެ ކަމަށެވެ.
ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށް ރާއްޖޭން ވަކާލާތުކުރަމުންދިޔައެވެ.
އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލިފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފައެވެ. ވެރިކަން ލިބިވަޑައިގެންފި ނަމަ، އެ ގެއްލުނު ސަރަހައްދު އަނބުރާ ހޯދާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެ މަނިކުފާނު ތުހުމަތުކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ސަރަހައްދު ވިއްކާލީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު