ހިޔާ ފުލެޓުތަކުގެ އަގުން އެ ފްލެޓްތަކުގެ ފިނިޝިންގެ ހަރަދު، 200،000 ރުފިޔާ ކެނޑުމަށްފަހު، މަހަކު ދައްކަން ޖެހޭ އަދަދު 3،984 ރުފިޔާއަށް ކުޑަކޮށްފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ ފުލެޓުތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު، ފްލެޓުތަކުގެ ވެރިންނަށް އަނބުރާ ދިނުމުގެ ގޮތުން ފްލެޓުތަކުގެ އަގުން، ދެ ލައްކަ ރުފިޔާ އުނިކުރަން ނިންމާފައިވާ ކަމަށެވެ.

"މިހާރު މި ދައްކަނީ 5300 ރުފިޔާ، ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް ދެން ދައްކަން ޖެހޭނީ މަހަކު 3،984 ރުފިޔާ. 3،984 ރުފިޔާއަށް ކުޑަވަނީ ހިޔާ ފުލެޓުތަކުގެ އަގު ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް، މިހާރު އޮތް އެގުރިމެންޓަށް އަންނާނެ ބަދަލެއް އައިސް މުއްދަތަށް ބަދަލެއް ނައިސް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު ވަނީ ހިޔާ ފުލެޓުތަކުގެ ފިނިޝަން މަސައްކަތަށް ކުރަން ޖެހުނު ހަރަދުތަކަށް، ފުލެޓުތަކުގެ ވެރިންނަށް ބަދަލެއްގެ ގޮތުގައި 200،000 ރުފިޔާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އޭގެ އިތުރުން ރައީސް ވަނީ ރަށްރަށުގައި އިމާރާތްކޮށްފައިވާ ރޯހައުސްތަކާއި ފުލެޓުތަކާއި ގެދޮރުވެރިކަމުގެ ހައުސިން ޔުނިޓުތަކަށް ކޮންމެ މަހަކު ދައްކަންޖެހޭ ކުލި ވެސް ކުޑަކުރައްވައިފައެވެ. އެގޮތުން އެ އަގު ކުޑަކުރެއްވީ 3330 ރުފިޔާއަށެވެ.

މީގެ އިތުރުން ވިނަރެސް ފްލެޓްގެ ޑައުންޕޭމެންޓްގެ އަގު 50 ޕަސެންޓް ކުޑަކުރުމަށާއި މަހުން މަހަށް ދައްކަންޖެހޭ ކުލީގެ އަދަދުން އެވަރެޖުކޮށް 4200 ރުފިޔާ އުނިކުރަންވެސް ރައީސް ވަނީ ނިންމަވައިފައެވެ.