ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމަށް ކުރިމަތިލެއްވި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޒުބައިރު މުހައްމަދު، މެމްބަރު ކަމަށް ޝަރުތު ހަމަނުވާ ކަމަށް ބާ ކައުންސިލް އޮފް ދަ މޯލްޑިވްސްއިން ނިންމައިފިއެވެ.

ޖޭއެސްސީގެ މެމްބަރުކަމަށް ޝުޖާއު އަދި ޒުބައިރު ކުރިމަތިލެއްވީ އެ މަގާމުގައި ހުންނެވި އަބްދުލް މާނިއު ހުސެއިން މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުޅުވާލި ފުރުސަތުގައެވެ.

ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝުޖާއު އަދި ޒުބައިރު، މެމްބަރުކަމަށް ޝަރުތު ހަމަނުވާތީ، އާ މެމްބަރަކު އިންތިހާބުކުރުން ބުރާސްފަތި ދުވަހު ބާއްވާނެ ކަމަށެވެ.

އެ ދެ ބޭފުޅުންގެ އިތުރުން އެ މަގާމަށް ކުރިމަތިލެއްވީ ބާ ކައުންސިލްގެ އެކްސޯ މެންބަރު އަލީ އަބްދުލް ލަތީފްއެވެ. އެ ދެ ބޭފުޅުން ޝަރުތު ހަމަނުވާތީ، އެ އިންތިހާބުގައި ވާދަ ކުރަނީ އަލީ ލަތީފް އެކަންޏެވެ.

ޖޭއެސްސީގެ ގާނޫނީ މެމްބަރުކަމަށް ބޭފުޅަކު އައްޔަންކުރުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ބާ ކައުންސިލާއެވެ. އެހެންކަމުން އެ އިންތިހާބު ބާއްވާނީ ބާ ކައުންސިލުންނެވެ.

ޝުޖާއު އަދި ޒުބެއިރު، މެމްބަރުކަމަށް ޝަރުތު ހަމަނުވާ ކަމަށް ނިންމީ އެ ދެ މީހުންގެ ވަކީލުކަމުގެ ހުއްދަ ސުޕްރީމް ކޯޓުން ނަގާފައިވުމުންނެވެ.